ދާއިރާގެ މަސައްކަތްތައް ރާވައި ހިންގުމުގައި، އެ ދާއިރާއެއްގައި ހަރަކާތްތެރިވާ ވީހާވެސް ގިނަ އަމިއްލަ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމަނުއްވާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއާއެކު އެ ވުޒާރާގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ، ފަންނާއި ސަގާފަތް އަދި ތަރިކައިގެ ދާއިރާ ތަރައްޤީ ކުރެވޭނީ އެ ދާއިރާގެ އިލްމީ އަދި ފަންނީ ބޭފުޅުންގެ އެހީތެރިކަމާއި އެންމެންގެ ބައިވެރިވުން ލިބިގެން ކަމަށެވެ. އަދި ދާއިރާ ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ބައްޓަން ކުރައްވާނީ އެއްބާރުލުން ދިނުމުގެ ރޫޙު އުފެއްދޭނެ ގޮތަކަށް ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ފަރާތުން މި ބައްދަލުވުމުގައި އެ ޖަމިއްޔާގެ ރައީސް ތޯހާ އަބޫބަކުރާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު އަފްރާހު ބައިވެރިވެވަޑައިގެންނެވިއެވެ. ޖަމިއްޔާގެ ރައީސް ވަނީ އެ ޖަމިއްޔާއިން މީގެ ކުރިން ކޮށްފައިވާ މުހިންމު މަސައްކަތްތަކާއި، ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ ތަފްސީލީ މައުލޫމާތު ވަޒީރާ ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން، އަމިއްލަ ޖަމިއްޔާއެއްގެ ހައިސިއްޔަތުން މި ދާއިރާގައި މަސައްކަތް ކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ. ޖަމިއްޔާގެ ފަރާތުން ވަނީ އެ ފަރާތްތަކުން ކުރިއަށްގެންދާ މަސައްކަތްތަކުގައި ސަރުކާރާއި ވުޒާރާގެ އެހީތެރިކަން ބޭނުންވާ ކަންކަން ފާހަގަކޮށް، އެކަންކަމާ ގުޅޭގޮތުން ވަޒީރާ މަޝްވަރާ ކުރައްވާފައެވެ.



