ވޭތުވެދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި ނުވަތަ މީސްލްސްގެ އިތުރު ހަތަރު ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. މިއަދު އެ އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އަލަށް ފެނުނު މި ކޭސްތަކާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 15 އަށް އަރާފައެވެ.
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭ އިން ވަނީ އާންމުންގެ ރައްކާތެރިކަމަށް ހާއްސަ އިލްތިމާސްތަކެއް ކޮށްފައެވެ. އެގޮތުން ހުންއައުމާއެކު ހަންގަނޑުގައި ރަތް ބިހިތަކެއް ނެގުން ފަދަ ހިމަބިހީގެ އަލާމާތެއް ފެންނަނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ. އަދި ބަލީގެ އަލާމާތް ހުންނަ މީހުން ސިއްހީ ފަރުވާ ހޯދުމަށް ދާއިރު މާސްކު އެޅުމަށާއި، ޓެކްސީ ނުވަތަ ބަސް ފަދަ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުމަށް ވެސް ވަނީ އަންގާފައެވެ.
ބަލި ކޮންޓްރޯލް ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުން، ބައްޔަށް ޓެސްޓުކުރުމަށްފަހު ނަތީޖާ ލިބެންދެން އެހެން މީހުންނާ އެކަހެރިވެގެން ހުރުމަށާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭ އިން ބާރުއަޅައެވެ. މީގެ އިތުރުން، މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ އިތުބާރު ހުރި ވަސީލަތަކީ ވެކްސިން ކަމަށްވާތީ، ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމުގެ މުހިންމުކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.



