އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެ ގައުމުގެ ތާރީޚުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު މަގާމުގައި ދެމިހުންނެވި އިންތިޚާބީ ބޮޑުވަޒީރުގެ ޝަރަފު ހޯއްދެވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މަރުހަބާގެ މެސެޖުގައި، ބޮޑުވަޒީރު މޯދީ ހޯއްދެވި މި ތާރީޚީ ކާމިޔާބީ ފާހަގަކުރައްވައި، އެމަނިކުފާނަށް ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ. މިއީ އިންޑިއާގެ ސިޔާސީ ތާރީޚުގައި މުހިންމު މައިލްސްޓޯނެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން އުންމީދުކުރާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މި ގުޅުން ބިނާވެގެންވަނީ ދެ ގައުމުގެ މެދުގައި އޮންނަ އިހުތިރާމާއި، ސިޔާދަތީ ހަމަހަމަކަމުގެ މައްޗަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަކީ ރާއްޖޭގެ އަމާޒެއްކަން ފާހަގަކުރައްވަމުން، ކުރިއަށް އޮތް ތަނުގައިވެސް އިންޑިއާއާއެކު އޮންނަ ގާތް ގުޅުން ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.



