މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން ބަންދުކޮށްފައިވާ ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުގެ ބައެއް، އާންމު ދަތުރުފަތުރާއި ލަފާފުރުމަށް ވަގުތީގޮތުން ބޭނުންކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
މި ސަރަހައްދު ހުޅުވާލަން ނިންމީ ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށްޓަކައި އެއްގަމު ތޮށި ބޭރަށް ޖެއްސުމުގެ މަސައްކަތުގެ ތެރެއިން، ޕޯސްޓް އޮފީހާއި ބާސެލޯ ނަސަންދުރާ ހޮޓެލްއާ ދެމެދު އޮތް ޖެޓީ ސަރަހައްދުގެ މަސައްކަތް ބައެއް ނިމުމާ ގުޅިގެންނެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ޖެޓީ ސަރަހައްދު ލަފާފުރުމަށް ހުޅުވާލި ނަމަވެސް، އެ ސަރަހައްދުގެ ބޮޑުތަކުރުފާނު މަގަކީ އަދިވެސް އަމަލީ މަސައްކަތް ހިނގަމުންދާ ތަނަކަށްވާތީ، އާންމު އުޅަނދުފަހަރަށް އެ މަގު އަދި ހުޅުވައެއް ނުލައެވެ. އެހެންކަމުން، އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ސަލާމަތީ ގޮތުން ރައްކާތެރިވުމަށާއި، މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ހަރަކާތްތެރިވާ އެމްޓީސީސީގެ މުވައްޒަފުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
މާލޭގެ މައި މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މި މަޝްރޫއަކީ ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މީގެ ތެރޭގައި ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަހައްދެއް ހަތަރު ލޭނަށް ފުޅާކޮށް ތާރު އެޅުމާއި، ދުވާރު ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމު ގާއިމުކުރުން ހިމެނެއެވެ.



