ރާއްޖޭގައި ހިމަބިހި (މީސަލްސް) ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އެ ބަލި ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން 20,000 ޑޯޒްގެ ހިމަބިހި ވެކްސިނާއި 3 ޓަނުގެ ސިއްހީ ސާމާނު މިއަދު ހަދިޔާކޮށްފިއެވެ.
މި ތަކެތި ރަސްމީކޮށް ހަވާލުކުރުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އިންޑިއާ ސަރުކާރުގެ ފަރާތުން މި އެހީ ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޖީ. ބާލާސުބްރަމާނިއަން އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެލެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ.
މި އެހީއަކީ އިންޑިއާގެ “ނެއިބަހުޑް ފަސްޓް” ސިޔާސަތުގެ ދަށުން، ރާއްޖޭގެ ވެކްސިން ދިނުމުގެ ނިޒާމު ހަރުދަނާކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް ފޯރުކޮށްދިން މުހިންމު އެހީއެއް ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ. މި އެހީގެ ސަބަބުން ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ބާރެއް ލިބިގެންދާނެއެވެ.
ސިއްހީ ދާއިރާއިން ފޯރުކޮށްދިން މި އެހީގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެ، ބަލިމަޑުކަން ކޮންޓްރޯލްކުރުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް މި ރަސްމިއްޔާތުގައި ފާހަގަކުރައްވާފައިވެއެވެ. އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގިނަގުނަ އެހީތަކެއް ފޯރުކޮށްދެމުންދާ ގައުމެކެވެ.



