ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓު އެއްވަރުވުމުން، އަލުން ނެގި ވޯޓު، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް ކާމިޔާބުކުރައްވައިފިއެވެ.
މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ޖުމްލަ 985 މީހުން ވޯޓުލާފައިވާއިރު، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ވަނީ 529 ވޯޓު ހޯއްދަވާފައެވެ. އޭނާއާ ވާދަކުރެއްވި އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދުއަށް ލިބިފައިވަނީ 449 ވޯޓެވެ.
ދ. މީދޫ ކައުންސިލް ރައީސްގެ މަގާމަށް އަލުން އިންތިހާބެއް ބާއްވަން ޖެހުނީ، 2026 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެ ރަށު ފޮއްޓެއްގެ ވޯޓު ކަރުދާހަކާ ގުޅޭގޮތުން ކޯޓުން ކުރި ހުކުމަކާ ގުޅިގެން، ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމުގެ ސަބަބުންނެވެ.
މި ކާމިޔާބީ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސުހާ މަރުހަބާ ވިދާޅުވެފައެވެ. އަދި ރައީސް ވަނީ ވޯޓު ދެއްވި އެދާއިރާގެ ރައްޔިތުންނާއި އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތްކޮށްދެއްވި އެންމެހާ ފަރާއްތަކަށް ޝުކުރު އަދާކުރައްވާފައެވެ.



