މިއަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 20 ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކުރި މައުލޫމާތުގައިވަނީ، މިދިޔަ ހަފުތާގައި ފަސް މީހަކަށް މާލޭން ހިމަބިހި ޖެހި، މިއަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު ވިއްސަށް އިތުރުވެއްޖެ ކަމަށެވެ. ހިމަބިއްސަށް ފައްސިވި މީހުންގެ ތެރޭ ގިނައީ 18އަހަރުން މަތީ މީހުން ކަމަށް، އެޗްޕީއޭއިން ބުންޏެވެ.
ހިމަބިއްސަށް ޖުމްލަ 489 ކޮންޓެކްޓުން ފާހަގަކުރެވިފައިވާކަމަށާއި، އޭގެތެރެއިން އެކްޓިވް 88 ކޮންޓްކްޓުން މޮނިޓަރ ކުރަމުންދާކަމަށް ވިދާޅުވިއެވެ. ހިމަބިއްސަށް ފައްސިވި މީހުންގެ ތެރޭ ގިނައީ ދިވެހިން ކަމަށް އެޗްޕީއޭއިން ބުނި ނަމަވެސް، ސީދާ ޖެހުނީ ކިތައް ދިވެހިންނަށްކަން ހާމަ ނުކުރެއެވެ.
އެޗްޕީއޭއިން ވިދާޅުވީ، ބަލި ހުއްޓުވުމަށާއި، ބަލި ދެނެގަތުމަށް އެ އެޖެންސީއިން މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ސަވައިލެންސްގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ބަލި ހުރިކަމަށް ޝައްކުކުރެވޭ މީހުން އަވަހަށް ދެނެގަތުމަށާއި ރިޕޯޓުކުރުމަށްޓަކައި، ހުން އައިސް ހަމުގައި ބިހި ނަގާ މީހުން ސްކްރީން ކުރާނެ އިންތިޒާމުތައް ޤާއިމުކުރެވިފައިވާކަމަށެވެ.
އެޗްޕީއޭއިން ބުނީ، ހިމަބިއްސަށް ފައްސިވީ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން މިހާތަނަށް 220 ކޮންޓެކްޓުންނަށް ވެކްސިން ދެވިފައިވާ ކަމަށެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޚާއްޞަ ވެކްސިން ކެމްޕޭން ފަށާފައިވާކަން ފާހަގަކުރައްވާ އެ އެޖެންސީން ވިދާޅުވީ، މި ކެމްޕެއިންގެ ތެރެއިން ފުރަތަމަ ޓާގެޓް ގުރޫޕަކީ ޞިއްޙީ ޙިދުމަތްދޭ ފަރާތްތަކާއި 18 އަހަރުން ދަށުންގެ ކުދިންގެ ތެރެއިން ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައި ނުވާކުދިންކަމަށެވެ.



