ދިވެހިރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ސައިބަރ ސެކިއުރިޓީ ބިލަށް ޢާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ. މި ބިލު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ބިލަށް ޚިޔާލު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ޖުލައި މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އަށެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ސައިބަރ ވެށީގެ ސަލާމަތްތެރިކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ކަށަވަރުކުރުމެވެ. މީގެ ތެރޭގައި ދާޚިލީ އަދި ބޭރުގެ ސައިބަރ ނުރައްކާތައް ދެނެގަނެ، އެފަދަ ހާދިސާތައް ހުއްޓުވުމަށް ބޭނުންވާ އުޞޫލުތައް ކަނޑައެޅުން ހިމެނެއެވެ. އަދި ދައުލަތާއި އަމިއްލަ ދާއިރާގެ މުހިއްމު މަޢުލޫމާތުތަކާއި ސިސްޓަމްތަކުގައި ހުންނަންޖެހޭ ސެކިއުރިޓީ މިންގަނޑުތައްވެސް މި ބިލުން ބަޔާންކުރެއެވެ.
ބިލުގައިވާ ގޮތުން، ސައިބަރ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަށްޓަކައި “ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ” ގެ ނަމުގައި ޚާއްޞަ އިދާރާއެއް އުފައްދަންޖެހެއެވެ. މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ދަށުން ހިނގާ މި އެޖެންސީގައި ފަސް މެންބަރުންގެ ބޯޑެއް އޮންނާނެއެވެ. ރާއްޖޭގެ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި އެންމެހާ ސިޔާސަތުތައް ކަނޑައަޅާނީ މި އެޖެންސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހުންނެވެ.
މީގެ އިތުރުން، ސައިބަރ ސެކިއުރިޓީގެ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކުން ޚާއްޞަ ލައިސަންސެއް ހޯދަންޖެހޭގޮތަށް ބިލުގައި ވަނީ ހިމަނާފައެވެ. އަދި ޤަވާއިދާ ޚިލާފަށް ޚިދުމަތްދޭ ފަރާތްތައް 50,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރުވެސް މި ބިލުން ކަމާބެހޭ ފަރާތްތަކަށް ލިބިދެއެވެ.



