ރާއްޖޭގެ ދެ އަތޮޅެއް ފިޔަވާ އެހެން ހުރިހާ އަތޮޅަކުން އަގު ހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބެނޭ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މެދު އިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ މަސްވެރި ސިނާއަތަށް އޭގެ ނެދެވޭ އަސަރުކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ސަބަބުން މަސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކާ ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. އެގޮތުން މަސްވެރިންނަށް ވިއްކާ ތެޔޮ ހެޔޮ އަގުގައި ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެތެރެއިން މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ މަސްވެރިން މަސް ކަނޑުތަކަށް ނެރުމަށްޓަކާ ކުރެވުނު މަސައްކަތްތައްކަމަށް ވަޒިރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިވަގުތު ރާއްޖޭގެ ދެ އަތޮޅެއް ފިޔަވާ އެހެން ހުރިހާ އަތޮޅަކުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ ކަމަށެވެ.
“ދިވެހިރާއްޖޭގެ ދެ އަތޮޅެއް ފިޔަވާ ހުރިހާ އަތޮޅަކުން މިވަގުތުވެސް މި އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމުތައް މިވަނީ ހަމަޖެހިފައި. އެއީ މިވަގުތު މ. އަތޮޅާއި ލ.އަތޮޅުން އަޅުގަނޑުމެންނަކަށް ސީދާ ކޮންމެ ދުވަހަކު ތެލެއް ނުވިކޭ. އެހެންނަމަވެސް ބައެއްފަހަރު މިފްކޯގެ ބޯޓުން ތެޔޮ ލިބޭނެ އިންތިޒާމުތަކާއެކީގައި މި ދެ އަތޮޅުންވެސް ކޮންމެސްވަރަކަށް އަޅުގަނޑުމެންނަށް ތެޔޮ ވިކޭ.” ވަޒީރު ވިދާޅުވިއެވެ.
މިކަން ހައްލު ކުރުމަށްޓަކާ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ހާލަތުގައިވެސް މަސްވެރިކަމުގެ ސިނާއަތް ހުއްޓުނަނުދީ ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދުގެ މަތިން، ސަރުކާރުން ވަނީ މަސްވެރި، އުޅަނދުފަހަރަށް ހެޔޮ އަގެއްގައި ޑީސަލް ވިއްކަން ފަށާފައެވެ.



