މާލެ ސަރަހައްދުގައި ހިމަބިހި (މީސަލްސް) ފެތުރުން ކޮންޓްރޯލް ކުރުމުގެ މަގުސަދުގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޚާއްޞަ ވެކްސިން ދިނުމުގެ ޕްރޮގްރާމް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޕްރޮގްރާމަކީ މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.
މިއަދު ފެށި ފުރަތަމަ މަރުހަލާގައި އެންމެ އިސްކަމެއް ދީގެން ވެކްސިން ދެމުންދަނީ ސިއްހީ ހިދުމަތްތެރިންނަށާއި، 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަނުކޮށް ތިބި ކުދިންނަށެވެ. މީގެ އިތުރުން، މި މަހުގެ 30 ވާ އަންގާރަ ދުވަހު އުމުރުން 30 އަހަރުން ދަށުގެ މީހުންނަށް ވެކްސިން ދޭން ފެށުމަށް ހަމަޖެހިފައިވާއިރު، 49 އަހަރުން ދަށުގެ ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ޚާއްޞަ ތިންވަނަ މަރުހަލާއެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ރޭވިފައެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ޖުމްލަ 22 މީހަކަށް ވަނީ ހިމަބިހި ޖެހިފައެވެ. ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިން ކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ. މި ބައްޔާ ގުޅިގެން މިހާތަނަށް 543 ކޮންޓެކްޓުން ފާހަގަކުރެވިފައިވާއިރު، އޭގެ ތެރެއިން 173 މީހަކު ދަނީ މޮނިޓަރު ކުރަމުންނެވެ.
މި ހާލަތާ ގުޅިގެން އެޗްޕީއޭ އިން ދަނީ ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވާ ތަމްރީނުތަކާއި ރިފްރެޝާ ޕްރޮގްރާމްތައްވެސް ހިންގަމުންނެވެ. ބަލިން ރައްކާތެރިވުމަށްޓަކައި އެޗްޕީއޭ އިން އިލްތިމާސްކުރަނީ ވީހާވެސް ގިނަ ބަޔަކު މި ވެކްސިން ޕްރޮގްރާމްގައި ބައިވެރިވެ، ވެކްސިން ފުރިހަމަކުރުމަށެވެ.



