މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި، އެއް ފަހަރާ 500 މީހުންނަށް ޚިދުމަތް ދެވޭ ފެންވަރުގެ ބޮޑު ސެންޓަރެއް ކ. ހިންމަފުށީގައި ޤާއިމްކުރުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ހިންމަފުށީގައި މިހާރު ހުރި ރިހެބިލިޓޭޝަން ސެންޓަރުން އެންމެ އެދެވޭ ގޮތުގައި ފަރުވާގެ ކަންކަން ކުރިއަށް ނުދާ ކަމަށެވެ. އެހެންކަމުން، އަންނަ ޖުލައި މަހުގެ ތެރޭގައި އެތަނުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ސެންޓަރެއް އެޅުމުގެ ބިޔަ މަޝްރޫޢެއް ފެށިގެންދާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ހިންމަފުށީ ސެންޓަރުގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސެޓަޕާއި ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސްވެސް މިހާރު ހުރީ އެކަށީގެންވާ ފަރުވާ ފޯރުކޮށްދެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ. އެހެންކަމުން އެ ތަންތަން ޒަމާނީ ފެންވަރަށް ބަދަލުކޮށް، ޚާއްޞަ ފަރުވާ ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ހިންމަފުށީ ސެންޓަރުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ރިކަވަރީ ސަޕޯޓާއި ސައިކޯ ސޯޝަލް ސަޕޯޓް ފަދަ ދާއިރާތަކުން މީހުން ބިނާކުރުމުގެ މުހިންމުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖްތިމާޢީ މައްސަލަ ކަމަށްވާއިރު، މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ.



