އޫރީދޫ މެދުވެރިކޮށް ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތައާރަފުކުރި ފަހުން މިހާތަނަށް މަދުވެގެން 3،280 ސްޓާޓްއަޕަކުން އެ ޚިދުމަތާ ގުޅިފައިވާ ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ގެނައުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ޕޭޕަލްއިން ރާއްޖޭގައި ޚިދުމަތް ދިނުމަށް ބައިވެރިއެއްގެ ގޮތުގައި އޫރީދޫ އިޚުތިޔާރުކޮށް، އެ މަސައްކަތް ކުރިއަށްދިޔައީ ސަރުކާރާއި ދެ ކުންފުނި ގުޅިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ނުލިބޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ވަޒީރު ވިދާޅުވީ، އެއީ ސިޔާސީ މަގުސަދެއްގައި ބައެއް ފަރާތްތަކުން ފަތުރާ ވާހަކަތަކެއް ކަމަށެވެ. ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ޚިދުމަތް ތައާރަފުކުރި ފަހުން އަލަށް 2،159 ވޮލެޓު އެކްޓިވޭޓުކޮށް ބޭނުންކުރަން ވަނީ ފަށާފައެވެ. ރާއްޖެއަކީ ކުޑަ ގައުމަކަށް ވުމުން މިފަދަ ޚިދުމަތެއް ލިބިދާނެ ކަމާމެދު ގިނަ ބަޔަކު ޝައްކު އުފެއްދި ނަމަވެސް، މިހާރު ލިބެމުންދާ ޚިދުމަތްތަކަކީ ފެށުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި ޕޭޕަލްގެ މަންސައިން ފޯރުކޮށްދޭ އިތުރު ޚިދުމަތްތަކާއި އިޚުތިޔާރުތައް ވަގުތާއެކު ތައާރަފުކުރަމުންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. މިއީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ސްޓާޓްއަޕްތަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.



