ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށްނެގި މީހަކު ހައްޔަރުކޮށްފިއެވެ.
މި މަހުގެ 2ވަނަ ދުވަހު މާލެ އައި ލޯންޗަކުން ބޭލި ފޮއްޓެއް، ބޮޑުތަކުރުފާނު މަގު އެޓޯލްސް ޕާކިންގޒޯންއާ ދިމާ ޖެޓީމަތީގައި ހުއްޓައި ގެއްލިފައިވާ މައްސަލަ ހުށަހަޅާފައިވެއެވެ. އެ ފޮށީގައި ތިންލައްކަ އަށްވުރެ ގިނަ ދިވެހި ރުފިޔާ ހުންނާނެކަމަަށް މައްސަލަ ހުށަހެޅިފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
މި މައްސަލަ ހުށަހެޅުމާއެކު އެ ފޮށި ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. އެގޮތުން، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި އަދި ތަހުގީގުގެ ތެރެއިން ކުރެވުނު އެކި މަސައްކަތުން، އެ ފޮށި ވަގަށްނެގި މީހާ ދެނެގަނެ ފޮށި ގެންދިޔަ ތަން ފުލުހުންވަނީ ހޯދާފައެވެ.
އޮގަސްޓު 4 ވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށް، އޭނާ ވަގަށްނެގި ފޮށި ހޯދައި ބަލައިފާސްކުރިއިރު 248,500 އަށްވުރެ ގިނަ ރުފިޔާއާއި، އެ ފައިސާއިން އޭނާ ގަނެފައިވާ ކަމަށް ބެލެވޭ 7000 ރުފިޔާގެ މޯބައިލް ފޯނެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.



