ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ ކެންސަރު ބައްޔަށް ފަރުވާދިނުމަށް ބޭނުންކުރާ އިންޖެކްޝަނެއްގެ ނަކަލެއް އުޅޭތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާންމުންނަށް އިންޒާރުކޮށްފިއެވެ.
ސަރުކާރުގެ ގެޒެޓުގައި އެމްއެފްޑީއޭއިން އާންމުކުރި އެންގުމެއްގައި ބުނެފައިވާގޮތުން، ވިއްކަމުންދަނީ އަޔަރލޭންޑްގެ ސޯޑްސް ބޯރެޓްރީސް އަންލިމިޓެޑް ކޮމްޕެނީން އުފައްދާ “އޮޕްޑިވޯ” ބްރޭންޑްގެ އިންޖެކްޝަންގެ އަސްލާ އެއްގޮތަށް ހަދައިގެން އެތެރެކޮށްފައިވާ ނަކަލު ބޭހެކެވެ.
އެމްއެފްޑީއޭއިން ބުނި ގޮތުގައި، މި ނަކަލު ބޭހުގެ ބެޗް ނަންބަރަކީ 8081399 އެވެ. އަދި މި ބެޗްގެ ބޭސް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން ވަނީ މުޅިން މަނާކޮށްފައެވެ. އެމްއެފްޑީއޭއިން ވަނީ ބޭސް ގަންނަ ފަރާތްތަކުންނާއި ވިއްކާ ފަރާތްތަކުން ބެޗް ނަންބަރު ރަނގަޅަށް ޗެކްކުރުމަށާއި، މި ބެޗްގެ ބޭހެއް ފެނިއްޖެނަމަ ވަގުތުން ބޭނުންކުރުން ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ.
އޮޕްޑިވޯ (ނިވޯލުމެބް) އަކީ މެލަނޯމާ، ފުއްޕާމޭގެ ކެންސަރު އަދި ގުރުދާގެ ކެންސަރު ހިމެނޭހެން ކެންސަރުގެ ތަފާތު ބާވަތްތަކަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭހެކެވެ. މި ބޭހުން ޓީ-ސެލްސްގައި ހުންނަ ޕީޑީ-1 ޕްރޮޓީން ބްލޮކްކޮށް، ހަށިގަނޑުގެ ދިފާއީ ނިޒާމަށް ކެންސަރު ސެލްތައް ހޯދައި ނައްތާލުމަށް އެހީތެރިވެދެއެވެ.
މީގެ ކުރިން ޑަބްލިއުއެޗްއޯއިންވެސް ވަނީ ކެންސަރު ބައްޔަށް ދޭ ބޭހެއް ކަމަށްވާ “ޑާޒަލެކްސް” ގެ ސާފުނުވާ ނަކަލު ބެޗްތަކެއް ބައިނަލްއަގުވާމީ މާރކެޓްގައި އުޅޭތީ އެކަމަށް ސަމާލުވުމަށް އަންގާފައެވެ.



