ހުޅުމާލެ ފޭސް 1 ގެ ކަންނެލި ޖެޓީ ސަރަޙައްދުން 24 ދަޅު ބަނގުރަލާއެކު ދެ ދިވެހި ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ރާނީވިލާ، މުޙައްމަދު މުބާރިކް (32އ) އަދި ޅ. ނައިފަރު، ސައިލުގޭ، ޙަސަން ޤާސިމް (23އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ބަނގުރާ ގެންގުޅެ، ބޭނުންކޮށް، އަދި ބަނގުރަލުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ.
ފުލުހުން ބުނީ މި ދެ މީހުން ފެނިފައިވަނީ ޤަވާޢިދާ ޚިލާފަށް ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ހޯދުމަށް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގައި ފުލުހުން ކުރިއަށްގެންދިޔަ ޕެޓްރޯލެއްގެ ތެރެއިން ކަމަށެވެ. އެ ސަރަޙައްދުން މި ދެ މީހުންގެ ޢަމަލުތައް ހުރިގޮތުން ހުއްޓުވައި، އެ މީހުންނާއި އެ ސަރަޙައްދު ބަލައި ފާސްކުރިއިރު 24 ދަޅު ބަނގުރާ ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު މުބާރިކް 15 ދުވަހަށް އަދި ޙަސަން ޤާސިމް 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



