ވޭތުވެދިޔަ ހަފުތާގައި އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓްކޮށްފައިވާ 39 ސްކޭމްގެ މައްސަލައިގައި، ޢާންމުންގެ އަތުން 457,776 ރުފިޔާ ގެއްލިފައިވާ ކަމަށް އެ ސެންޓަރުން ހާމަކޮށްފިއެވެ. އަދި މީގެ ތެރެއިން 222,755 ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެންޓި-ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އޮގަސްޓް މަހުގެ 16 އިން 22 ގެ ނިޔަލަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. އެގޮތުން އީ-ކޮމާސްގެ 13 މައްސަލައަކާއި، ފައިސާ ޓްރާންސްފަރ ކުރުމުގެ 10 މައްސަލައެއްގެ އިތުރުން މީހުންގެ ނަމުގައި އޮޅުވާލައިގެން ހިންގި ފަސް މައްސަލައެއް ވަނީ ހުށަހަޅާފައެވެ. ފުލުހުން ކުރި މަސައްކަތުން ވަނީ ގެއްލުނު ފައިސާގެ ބޮޑު ބައެއް އަނބުރާ ހޯދައިދީފައެވެ.
އެންޓި-ސްކޭމް ސެންޓަރުން ފާހަގަކުރި ގޮތުގައި، ސްކޭމަރުން މީހުންނަށް އޮޅުވާލުމަށްޓަކައި ޢާންމުކޮށް ބޭނުންކުރަނީ ފޯނު ކޯލްތަކާއި، އޮންލައިން މެސެޖިންގ ޕްލެޓްފޯމްތަކުގެ އިތުރުން ފޭސްބުކް މާކެޓްޕްލޭސްއެވެ.
މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށްޓަކައި ފައިސާ ފޮނުވުމުގެ ކުރިން މަޢުލޫމާތު ކަށަވަރުކުރުމަށާއި، އަމިއްލަ ޒާތީ މަޢުލޫމާތު އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން އެކައުންޓްތަކުގެ ރައްކާތެރިކަމަށް ޓޫ-ފެކްޓަރ އޮތެންޓިކޭޝަން އެކްޓިވޭޓް ކުރުމަށްވެސް ޢާންމުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.



