ހުޅުމާލެ ފޭސް 2 ގައި ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި މަގުމަތީ އެކްސިޑެންޓެއްގައި 9 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ވިނަރެސް-7 ފްލެޓް ކައިރީގައި ސައިކަލަކާއި ކާރެއް ޖެހިގެންނެވެ. އެނގިފައިވާގޮތުގައި ސައިކަލުގެ ފަހަތުގައި އިން މި ކުއްޖާ، އެކްސިޑެންޓްވުމާ އެކު މަގުމައްޗަށް ވިއްސައިގެން ގޮސް ބޮލަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ސައިކަލު ދުއްވާ ލޭން ކައިރީގައި ޓެކްސީއެއް ހުއްޓިފައި އޮތްއިރު، މަގުމައްޗަށް ސައިކަލު އޮތީ ވެއްޓިފައެވެ. އަދި އަނިޔާވި ކުއްޖާގެ ބޮލުން ގިނަ އަދަދަކަށް ލޭ ފައިބަމުންދާ މަންޒަރުވެސް މި ވީޑިއޯތަކުން ފެނެއެވެ.
މި ހާދިސާގައި އަނިޔާވި ކުއްޖާއަށް ފުރަތަމަ ފަރުވާދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. ނަމަވެސް، ކުއްޖާގެ ހާލަތު ސީރިއަސްވުމާ ގުޅިގެން ވެންޓިލޭޓަރުގެ އެހީގައި މިހާރު ވަނީ އިތުރު ފަރުވާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ބަދަލުކޮށްފައެވެ. އެ ކުއްޖާގެ ހާލު އަދިވެސް ސީރިއަސް ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށާއި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި މައްސަލައިގައި ހިމެނޭ ފަރާތްތަކާ ގުޅޭ އިތުރު ތަފްޞީލު ލިބެމުންދާ ވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.



