މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ފުޅާ ދާއިރާއެއްގައި ޤާނޫނާ ޚިލާފަށް ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކުންފުންޏެއްގެ ބޭންކު އެކައުންޓްތައް ފްރީޒްކޮށް، އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލައާ ގުޅިގެން ފިޔަވަޅު އަޅާފައިވަނީ ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އަށެވެ. އެގޮތުން، އެ ކުންފުނިން ބޭރު ފައިސާގެ ވިޔަފާރި ހިންގުމަށް ބޭނުންކުރާ ބޭންކު އެކައުންޓްތައް މިހާރު ވަނީ ފްރީޒްކޮށްފައެވެ.
މީގެއިތުރުން، މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމަށްޓަކައި، މާލޭގެ މ. ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.
މި އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.



