މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ ލައިސަންސް ނެތި ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ ކިބައިން އެދިއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި، މިފަދަ ޤާނޫނާ ޚިލާފު ހަރަކާތްތައް ތަހުގީގު ކުރުމަށްޓަކައި ޚާއްސަ ޓާސްކް ފޯހެއް މިހާރު ވަނީ އެކުލަވާލާފައެވެ. އަދި މިކަމާ ގުޅުންހުރި މައުލޫމާތު އެ ޓާސްކް ފޯހާ ހިއްސާކުރުމަށް ފުލުހުން ވަނީ ބާރުއަޅާފައެވެ.
މި މައްސަލަތަކާ ގުޅޭ މައުލޫމާތު 9388733 މި ނަންބަރަށް އެސްއެމްއެސް، ވައިބަރ، ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ޓާސްކް ފޯހަށް ފޮނުވޭނެއެވެ.
މައުލޫމާތު ދޭ ފަރާތްތަކުގެ ވަނަވަރާއި، އެ ފަރާތްތަކުން ހިއްސާކުރާ އެންމެހައި ތަފުސީލުތައް ސިއްރުކޮށް، ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ. މީގެއިތުރުން، މައުލޫމާތު ހިއްސާކުރާ އެއްވެސް ފަރާތަކުން ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.



