ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން، މާލޭގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.
މި އަހަރުގެ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މާލޭގައި ބާއްވާ ކުޑަކުދިންގެ ހަވީރު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ސޯޝަލް ސެންޓަރު ސަރަހައްދުގައި ކަމަށް ފުލުހުން ހާމަކުރެއެވެ. މި ހަވީރަކީ އާއިލާތަކާއި ކުޑަކުދިންނަށް ބައިވެރިވެވޭ ގޮތަށް، ގިނަ ހަރަކާތްތަކަކާއެކު ފަރުމާކުރެވިފައިވާ، ފުލުހުންނާ އެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ހަރަކާތެކެވެ. ހުރިހާ އާއިލާތަކުން ވެސް ކުދިން ގޮވައިގެން މި ހަވީރުގައި ބައިވެރިވުމަށް ފުލުހުންގެ ފަރާތުން ދައުވަތު އަރުވައެވެ.

މާލޭގައި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 5 ސެޕްޓެމްބަރުގެ ހެނދުނު 6:00 ގައި ބާއްވާ އެކުވެރިކަމުގެ ހިނގާލުމުންނެވެ. އަދި އެ ދުވަހުގެ ރޭގަނޑު 8:30 އިން 11:00 އަށް ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ހާއްސަކޮށްގެން “ބްލޫސް ފެމިލީ ނައިޓް” ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ތާވަލުކުރެވިފައިވަނީ 6 ސެޕްޓެމްބަރު 2026 ގައެވެ.
މާލޭގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ޕޮލިސް ކޮމާންޑްތަކުން ވެސް މި ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައި ކަމަށާއި މީގެ ތެރޭގައި “ޕޮލިސް ވޯކް އެންޑް ޓޯކް” ޕްރޮގްރާމްތަކާއި، ކުޑަކުދިންގެ ހަވީރު އަދި “އެކުވެރިކަމުގެ ހިނގާލުން” ހިމެނޭ ކަމަށް ފުލުހުން ހާމަކުރެއެވެ.
މިއީ، ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމާއެކު، ފުލުހުންނާއި ފުލުހުންގެ އާއިލާތައް އަދި ފުލުހުން ޚިދުމަތް ފޯރުކޮށްދޭ މުޖުތަމައާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަަށާއި އެހެންކަމުން، 5 ސެޕްޓެމްބަރުގައި ބާއްވާ ކުޑަކުދިންގެ ހަވީރުގައި ވީހާވެސް ގިނަ އާންމު ރައްޔިތުން ބައިވެރިވެ، މި އުފާވެރި މުނާސަބަތުގައި ބައިވެރިވުމަށް ފުލުހުން އެދެއެވެ.



