ސިނަމާލެ ބްރިޖުމަތީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އިތުރު ސައިކަލަކާއި ކާރެއްގައި ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގި ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ ގާތްގަނޑަކަށް 7:20 ހާއިރު ކަމަށާއި، މި ހާދިސާ ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް އުޅަނދުތައް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލު ކޮންޓްރޯލުން ނެއްޓި ވެއްޓުމަށްފަހު އެހެން އުޅަނދުތަކުގައި ޖެހިގެންނެވެ.
އެކަކަށް ސީރިއަސް އަނިޔާތަކެއް
މި އެކްސިޑެންޓުގައި އެއް ސައިކަލުގައި ތިބި ދެ މީހުންނާއި އަނެއް ސައިކަލުގައި އިން މީހާއަށް ވަނީ އަނިޔާވެފައެވެ. އަނިޔާވި މީހުންގެ ތެރެއިން 20 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ. މީގެ އިތުރުން، ރޭގެ ވަގުތެއްގައި ސިނަމާލެ ބްރިޖުމަތީގައި އިތުރު އެކްސިޑެންޓެއްވެސް ހިނގާފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.



