އެއްގަމު ދަތުރުފަތުރުގެ އައު ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް މާލެއާއި ހުޅުމާލޭގެ ކާރޫބާރޫ ބޮޑު ސަރަޙައްދުތަކުގައި ފުލުހުން ވަރުގަދަކުރަން ނިންމައިފި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ. މި މަސައްކަތުގެ ދަށުން ޤަވާއިދާ ޚިލާފުވާ ފަރާތްތަކަށް އެކަން އަންގާނީ އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށެވެ.
މިނިސްޓްރީން ބުނީ، ޤަވާއިދާ ޚިލާފުވުމުން ފޮނުވާ ނޯޓިފިކޭޝަންތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ‘ސިމްސް’ ޕޯޓަލް މެދުވެރިކޮށް މިހާރު ބޭނުންކުރާ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް އަޕްޑޭޓް ކުރުމަށް އުޅަނދު ދުއްވާ ފަރާތްތަކަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ފުރަތަމަ ފިޔަވަހީގައި ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވަނީ ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، ކެފޭތަކުގެ ކައިރީގައާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ޕާކިންގ ޒޯންތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކަށެވެ. މީގެ އިތުރުން މާލޭގެ ބޮޑެތި މަގުތަކާއި ހުޅުމާލޭގެ އެކި މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކަށްވެސް މި ފިޔަވަހީގައި އަމާޒުކުރާނެއެވެ.
ބޮޑެތި ޖޫރިމަނާތަކަކާއެކު އަމަލުކުރަން ފެށި މި އައު ޤާނޫނުގެ ދަށުން ފުރަތަމަ ހަފުތާގެ ތެރޭގައި އެކަނިވެސް 653 މީހަކާ މެދު ފިޔަވަޅު އަޅައި، 183 އުޅަނދެއް ޓޯ ކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި އެ މުއްދަތުގައި 35 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.



