ގދ. ފަރެސްމާތޮޑާގެ ގެއެއްގައި މިއަދު ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކަށް އެކިވަރުގެ އަނިޔާ ވެއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ފަރެސްމާތޮޑާގެ ގެއެއްގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައިވަނީ މިއަދު ފަތިހު 04:15 ހާއިރުއެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަދި ރަށު ކައުންސިލާ ގުޅިގެން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.
މި ހާދިސާގައި އެކަކަށް އެކިވަރުގެ އަނިޔާ ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ފުލުހުންގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެ ގޭގެ ކޮޓަރިއެއްގައި ހުރި އޭސީއެއްގައި ރޯވެގެން ކަމަށް ބެލެވެއެވެ.
މި މައްސަލަ ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



