ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފާ ބައްދަލުކުރައްވައި މަތީ ފަންތީގެ ރަސްމީ މަޝްވަރާތައް ބޭއްވެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޕްރައިމް މިނިސްޓަރު ހައުސްއަށް ވަޑައިގަތުމުން އެމަނިކުފާނުގެ ޝަރަފުގައި ގާޑް އޮފް އޮނަރެއް އަރުވައިފިއެވެ. ޕްރައިމް މިނިސްޓަރު ހައުސްއަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވީ ބޮޑުވަޒީރު ޝެހެބާޒް ޝަރީފެވެ.
ރަސްމީ މަރުޙަބާގެ ރަސްމިއްޔާތުގައި ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅުނުއިރު، ޕާކިސްތާނުގެ އަސްކަރިއްޔާގެ ފަރާތުން އެރުވި ގާޑް އޮފް އޮނަރު ރައީސް މުޢިއްޒު ވަނީ އިންސްޕެކްޓް ކޮށްދެއްވާފައެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގެ ތެރެއިން އެމަނިކުފާނު ވަނީ ޕްރައިމް މިނިސްޓަރު ހައުސްގެ ގޯތިތެރޭގައި ގަހެއް ވެސް އިންދަވައިދެއްވާފައެވެ. ރަސްމިއްޔާތަށްފަހު ދެ ޤައުމުގެ ވަފުދު ތަޢާރަފުކޮށް، ދެ ލީޑަރުންގެ ވަކިވަކި ބައްދަލުވުމަކާއި ވަފުދުގެ ފެންވަރުގެ ރަސްމީ މަޝްވަރާތައް ވަނީ ފައްޓަވާފައެވެ.
އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ވަޒީރުން އަދި ސަރުކާރުގެ އިސް ވެރިން ހިމެނިވަޑައިގަންނަވާ ވަފުދަކާއެކު ރައީސް ޕާކިސްތާނަށް ތިން ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގެންނެވީ އިއްޔެއެވެ. މިއީ ވޭތުވެދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށްވާއިރު، މިއަހަރަކީ ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ވެސް މެއެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީއާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ރައީސް ޒަރްދާރީ ވަނީ ދިވެހި ވަފުދުގެ ޝަރަފުގައި ރަސްމީ ޖާފަތެއް ދެއްވުމަށް ނިންމަވާފައެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އެކި ދާއިރާތަކުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.



