ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ފަސް ތަރީގެ “މެންހަޓަން ގްރޭންޑް ހޮޓެލް” ރަސްމީކޮށް ހުޅުވުން ފާހަގަކުރުމުގެ ގޮތުން މިރޭ ހުޅުމާލޭގައި ހަވާ އެރުވުމާއި ބޮނޑިބަތުގެ ފަރިއްކޮޅެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ހަރަކާތް ކުރިއަށްދާނީ މިރޭ (7 ނޮވެންބަރު 2026) ގެ 22:00 އިން 22:30 އަށް، އެ ހޮޓެލް ހުންނަ ސަރަހައްދުގައެވެ. މި މުނާސަބަތުގައި ބައިވެރިވުމަށް އާންމުކޮށް ހުރިހާ ރައްޔިތުންނަށް މިހާރު ވަނީ ދައުވަތު އަރުވާފައެވެ.
އެސްޓީއޯ އިން ހުޅުމާލޭގައި ކުރިން ހަދަން ފެށި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގުން އެޗްޑީސީން ހަވާލުކޮށްފައިވަނީ އެކަމަށް ހާއްސަކޮށް އުފެއްދި “ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް” އާއެވެ. މެންހަޓަން ގްރޭންޑް ހޮޓެލްގެ ނަމުގައި ހިންގާ މި ހޮޓަލަކީ ޔޫއޭއީގެ “ޑީޕް ސީފުޑް ކޮމްޕެނީ” ގެ 50 އިންސައްތަ ފޮރިން އިންވެސްޓްމަންޓް ހިމެނޭ މަޝްރޫއެކެވެ. މި ހޮޓަލުގައި ފަސް ތަރީގެ ފެންވަރުގެ 158 ކޮޓަރި ހުންނާނެއެވެ.
މި ހޮޓަލުގެ ފްލޯތައް ސަރުކާރުގެ އެކި އޮފީސްތަކަށް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން ހޮޓަލުގެ ގްރައުންޑް ފްލޯ މީޑިއާ ވިލެޖުގެ ގޮތުގައި ހާއްސަކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، އެ ހޮޓަލުން ސަރުކާރުގެ ބޭނުންތަކަށް ހާއްސަކުރާ 3.5 ފްލޯގެ ޖާގައިގައި މީޑިއާ ވިލެޖުގެ އިތުރުން އީ-ސްޕޯޓްސް ހިމެނޭ ޔޫތު ސެންޓަރަކާއި، ހެރިޓޭޖް ކޮލެޖް އަދި މެޑިކަލް ކޮލެޖެއް ހިންގުމަށް ވަނީ ރޭވިފައެވެ.



