އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ދާއިމީކޮށް މަނާކުރުމަށާއި، ރާއްޖޭގެ ރިއަލް އެސްޓޭޓް މަޝްރޫޢުތަކުން އިސްރާއީލުގެ އެއްވެސް ފަރާތަކަށް ޕްރޮޕަޓީ ނުގަނެވޭނެހެން މަނާކުރުމަށްޓަކައި ދެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި އިމިގްރޭޝަނާ ބެހޭ އައު ބިލުގެ މައިގަނޑު މަޤްޞަދަކީ، އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމާ ގުޅިގެން، އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ރާއްޖޭގެ ސަރަޙައްދަށް ނާދެވޭނެ ގޮތަށް ޤާނޫނުން މުޠުލަޤަށް ކަނޑައެޅުމެވެ.
މީގެ އިތުރުން ސަރުކާރުން ވަނީ ރިއަލް އެސްޓޭޓް ބިލެއް ވެސް މަޖިލީހަށް ހުށަހަޅާފައެވެ. އެ ބިލު ފާސްވުމުން އިސްރާއީލުގެ އެއްވެސް މީހަކަށް އަދި ކުންފުންޏަކަށް ވެސް ރާއްޖޭގައި ހިންގާ އެފަދަ މަޝްރޫޢުތަކުގައި އިންވެސްޓްކުރުމާއި، ޕްރޮޕަޓީ ގަތުން ޤާނޫނީ ގޮތުން މަނާވެގެންދާނެއެވެ. ދެ ޤައުމެއްގެ ރައްޔިތުކަން (ޑުއަލް ޕާސްޕޯޓް) އޮންނަ މީހުންނާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ރާއްޖެ އެތެރެވުމުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ބަލަންޖެހޭ ކަންކަން ބަލާއިރު، ރިއަލް އެސްޓޭޓް ބިލުގައި އިސްރާއީލުގެ އެއްވެސް ފަރާތަކަށް އިންވެސްޓް ނުކުރެވޭނެކަން މާ ތަފުސީލުކޮށް ކަނޑައެޅިގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތައިލުމުގެ އަމަލުތަކަކީ އެއްގޮތަކަށްވެސް ރާއްޖެއިން ބަލައިގަންނާނެ ކަންތައްތަކެއް ނޫންކަމަށްވާތީ، ރާއްޖެއަށް އެގައުމުގެ މީހުންނަށް އެތެރެނުވެވޭ ގޮތަށް އޮތުމަކީ ދިވެހިން އެދޭނެ ގޮތް ކަމަށެވެ. އޭގެ އިތުރަށް އެމަނިކުފާނު ފާހަގަކުރެއްވީ ރާއްޖެއިން އިސްރާއީލާ ދެކޮޅަށް ވަކާލާތުކުރުމުގައި ކުރިން ނުކުރާ މިންވަރުގެ މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށެވެ.



