ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތްދޭ ތަންތަން އެއް ވިއުގައަކުން ގުޅާލައި، އަމިއްލަ މެޑިކަލް ރެކޯޑުތައް ފޯނުން ބަލައިލެވޭނެ ހާއްސަ ހެލްތު އެޕްލިކޭޝަނަކާއި، ސްމާޓް އައިޑީ ކާޑުގެ ހިދުމަތް އަންނަ އަހަރު ތައާރަފުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާނުކުރައްވައިފިއެވެ.
ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ހިންގާ ‘މޯލްޑިވްސް 2.0’ ޑިޖިޓަލައިޒޭޝަން މަޝްރޫއުގެ ތެރެއިން ގާއިމުކުރާ މި ސިއްހީ އެޕް މެދުވެރިކޮށް، ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދުމާއި، ޓެސްޓުތަކުގެ ނަތީޖާ އަދި ބޭސް ސިޓީތައް ފަސޭހައިން ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެހިގެންދާނެ ކަމަށެވެ.
މީގެއިތުރުން، އަންނަ އަހަރު ނިމުމުގެ ކުރިން ވުޖޫދަށް ގެންނަ ސްމާޓް އައިޑީ ކާޑަކީ ފިންގަޕްރިންޓާއި ޗިޕް އެކުލެވޭ ކާޑެއް ކަމަށާއި، މި ކާޑުގެ ސަބަބުން ފައިސާ ދެއްކުމާއި ތަފާތު މުއައްސަސާތަކުން ހިދުމަތްތައް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2028 ވަނަ އަހަރުގެ މެދާ ހަމައަށްދާއިރު ރާއްޖޭގެ ހުރިހާ ދާއިރާއެއްގެ ހިދުމަތްތައް އެއްކޮށް ޑިޖިޓަލައިޒްކޮށް، ސަރުކާރުގެ އެއް އިދާރާއިން އަނެއް އިދާރާއަށް ކަރުދާސް ލިޔެކިޔުންތައް ހުށަހަޅަންޖެހޭ އުސޫލު ނިމުމަކަށް ގެނައުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެކެވެ.



