މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކޮށް ޚިދުމަތްތައް ޒަމާނީ ކުރުމުގެ ގޮތުން، އެ މުއައްސަސާގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯނާއި ބޮޑީވޯން ކެމެރާ ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
މި އާ ވަސީލަތްތައް ތައާރަފްކޮށްފައިވަނީ ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްސަ ޖަލްސާގައެވެ. ކަސްޓަމްސް އިން މައުލޫމާތު ދޭ ގޮތުގައި، އަލަށް ތައާރަފްކުރި ސަވައިލަންސް ޑްރޯނަކީ އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ލިބުނު ވަސީލަތެކެވެ. އަދި އޮފިސަރުން ޑިއުޓީގައި ބޭނުންކުރާ ބޮޑީވޯން ކެމެރާތަކަކީ އެމެރިކާ ސަރުކާރުން ހަދިޔާކޮށްފައިވާ އާލާތްތަކެކެވެ.
އަހަރީ ޖަލްސާގައި ވާހަކަދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ، މި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކަސްޓަމްސް ކޮންޓްރޯލް ސަރަހައްދުތައް ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި މުއައްސަސާއަށް އޮތް އިތުބާރާއި ޔަގީންކަން އިތުރުވެ، ކުރިއަށް އޮތް ތަނުގައިވެސް ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ރޭވިފައިވާ ކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކަސްޓަމްސްގެ ތާރީޚު ދައްކުވައިދޭ “އެންމެ ދުވަސްވީ މުއައްސަސާ ރެޔާއި ދުވާލު ހިދުމަތުގައި 136 އަހަރު” މި ނަމުގައި ޚާއްސަ ފޮތެއް ނެރެފައިވެއެވެ.
މީގެއިތުރުން، ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި އޮފިސަރުންގެ އަގު ވަޒަންކޮށް އިނާމާއި ޝަރަފުގެ ކުލަ ދީފައިވެއެވެ. އެގޮތުން 4 އޮފިސަރަކަށް “ރައީސުލްޖުމްހޫރިއްޔާގެ ކުލަ” އެރުވި އިރު، 20 އަހަރު ޚިދުމަތްކުރެއްވި 29 މުވައްޒަފަކަށް ރަން ބެޖު އަދި 28 އޮފިސަރަކަށް ކޮމިޝަނާ ޖެނެރަލްގެ ޚާއްސަ އެވޯޑު ވަނީ އަރުވާފައެވެ.



