ރާއްޖޭގެ ހުރިހާ އަންހެނުންނާއި އަންހެން ކުދިން ރައްކާތެރިކުރުމަށާއި އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އަންހެނުންނަށް ކުރާ އަނިޔާތައް ނައްތާލުމުގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، އަނިޔާވެރިން ޤާނޫނުގެ ކުރިމައްޗަށް ގެނެސް، ކުށްކޮށްފައި އަދަބު ނުލިބި ދިއުން ނިމުމަކަށް ގެނައުމަށްޓަކައި މި ސަރުކާރުން ސިޔާސަތުތަކާއި ޚާއްޞަ ޕްރޮގްރާމްތަކުގެ ތެރެއިން ޢަމަލީ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން، އަނިޔާގެ މައްސަލަތައް އިތުބާރާއި ޒިންމާދާރުކަމާއެކު ރިޕޯޓްކުރެވޭނެ ނިޒާމު ހަރުދަނާކުރުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ވަގުތީ ހިޔާތައް (ޝެލްޓަރ) އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި އަނިޔާ ލިބޭ ކޮންމެ ފަރާތަކަށް ވެސް ޢިއްޒަތާއި އަބުރު ރައްކާތެރިކޮށްދީ، އަވަސް އިންސާފު ކަށަވަރުކޮށްދިނުމަށްޓަކައި ފްރަންޓްލައިން ޚިދުމަތްތެރިންނާއި، ތަންފީޛީ އިދާރާތަކާއި، ޝަރުޢީ ދާއިރާގެ ހޭލުންތެރިކަމާއި ޤާބިލުކަން އިތުރުކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަނިޔާ ހުއްޓުވުމަށް އިސްކަންދެއްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އަންހެނުން ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލައި، އެކަނބަލުންގެ ފުރިހަމަ ޙައްޤުތަކާއި ޤާބިލުކަން ބޭނުންކުރުމަށް ބާރުއަޅައި ބާރުވެރިކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ކޮންމެ އަންހެނަކާއި އަންހެން ކުއްޖަކީ ވެސް ބިރުވެރިކަމެއް ނެތި، ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިވެގެންވާ ދިރިއުޅުމެއް އުޅޭ ފަރާތަކަށް ހެދުމަށްޓަކައި އެންމެހައި ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.



