ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، މަސައްކަތްކުރަމުންދާ ބިދޭސީން ބަލައިފާސްކުރުމަށްޓަކައި ޚާއްޞަ ޓާސްކުފޯހުން ކ. ހުރާގައި ހިންގި ބޮޑު ރެއިޑް އޮޕަރޭޝަނެއްގައި، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 43 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ކުރިއަށްގެންދިޔަ މި ޚާއްޞަ އޮޕަރޭޝަނުގައި، އެ ރަށުގައި މަސައްކަތްކުރާ އަދި ދިރިއުޅޭ މީހުންގެ ތެރެއިން ޖުމްލަ 341 ބިދޭސީއަކު ވަނީ ބަލައިފާސްކޮށްފައެވެ. އޭގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަކަން ފާހަގަކުރެވުނު 43 މީހުންނެވެ.
މި އޮޕަރޭޝަނަކީ އިމިގްރޭޝަންގެ ގަވާއިދުތަކާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ބިދޭސީން ދެނެގަނެ، އެމީހުންނާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރުން ފަށާފައިވާ ފުޅާ މަސައްކަތުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ. މިގޮތުން މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މުޅި ރާއްޖޭގައި ދަނީ މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.



