ޒެރްޑަން ޝަގީރީ ޖެހި މޮޅު ގޯލުން، ސްކޮޓްލެންޑާ 1-1 އިން އެއްވަރުކޮށް، ސްވިޒަލެންޑުން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ އަކާ ގާތަށް ޖެހިލައިފި އެވެ.
ގްރޫޕް އޭގައި ހިމެނޭ މި ދެ ޓީމުގެ ތެރެއިން ސްވިޒަލޭންޑް އޮތީ ހަތަރު ޕޮއިންޓާއެކުގައި ގްރޫޕްގެ ދެވަނައިގައެވެ. ސްކޮޓްލޭންޑް އޮތީ އެއް ޕޮއިންޓާއެކުގައި ތިން ވަނައިގައެވެ. ދެ ވަނަ ބުރުގެ ޖާގައެއް މި ގްރޫޕްގައި ކުޅުނު ދެ މެޗުން މޮޅުވެގެން ޖަރުމަނުން ވަނީ ކަށަވަރުކޮށްފަ އެވެ. ދެ މެޗުން މޮޅުވެ، ޖަރުމަނު ހަ ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު، ފުލުގައި އޮތް ހަންގޭރީ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.
ރޭގެ ނަތީޖާއާ އެކުގައި ޖަރުމަނު ދެވަނަ ބުރަށް ކޮލިފައިވި އިރު، ސްވިޒަލެންޑާއި ސްކޮޓްލެންޑަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.
ކޮލޯން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން 13 ވަނަ މިނިޓްގައި، ލީޑް ނަގާފައިވަނީ ސްކޮޓްލެންޑުންނެވެ. މެޗުގެ ފުރަތަމަ އަދި ސްކޮޓްލެންޑުގެ ހަމައެކަނި ގޯލު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ސްކޮޓް މެކްޓޮމިނޭ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވަރުގަދަ ކުޅުމަކާއި އެކު ކުރިއަށް ދިޔަަ މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްވިޒަލޭންޑުން ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. މި ގޯލު ޖަހައިދިނީ ސްވިޒަލެންޑްގެ ޒެރްޑަން ޝަގީރީ އެވެ.
ދެ ޓީމު 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެފައިވަނިކޮށް ސްވިޒަލޭންޑް އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ. އެހެން ނަމަވެސް އޮފްސައިޑް ވުމުގެ ސަބަބުން ސްވިޒަލޭންޑްގެ ޑެން ންޑޮޔޭ ޖެހި ގޯލު ވަނީ ބަލައިނުގަނެފައެވެ.
ފޯރިގަދަ މި މެޗުގެ ފަހު ވަގުތާ ޖެހެންދެންވެސް ދެ ޓީމުންވެސް ގޯލެއް ކާމިޔާބުކުރެވޭތީ ވަރަށް މަސައްކަތް ކޮށްފައިވެއެވެ.



