ފަހަތުން އަރައި 4-1 އިން ޖޯޖިއާ ބަލިކޮށް، ސްޕެއިނުން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި، މުބާރާތް ބާއްވާ ގައުމު، ޖަރުމަނާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
ރޭގެ މެޗު ފަށައިގެން ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ސްޕެއިން ޓީމުންނެވެ. ގިނަ ވަގުތު ޖޯޖިއާގެ އޭރިޔާ ކަައިރީ ބޯޅަ ކުޅެމުން ސްޕެއިން ވަނީ ނުރައްކާތެރި ވަރަށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.
ކައުންޓަ އެޓޭކުގައި ނުރައްކާ ޓީމެއްގެ ގޮތުގައި ފާހަގަކުރެވޭ ޖޯޖިއާ އިން ލީޑުނެގީ މެޗުގެ 18 ވަނަ މިނިޓްގައެވެ. ޖޯޖިއާގެ ތަރި، ކްވިޗާ ކްރަވަޝްކޭލިއާ އަށް އަމާޒުކޮށް، އެ ޓީމުގެ ކުޅުންތެރިއަކު ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ސްޕެއިންގެ ޑިފެންޑަރު، ރޮބިން ލެ ނޯމަންޑް ޖައްސާލި ބޯޅަ ވަނީ ބައިކޮޅަށެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ސްޕެއިން ވަނީ މެޗުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކުރީ މި މެޗުގައި ސްޕެއިންގެ ޓީމަށް އެންމެ މޮޅު ކުޅުމެއް ދެއްކި ރޮޑްރީއެވެ.
މިއާއި އެކު ހާފު ނިމިގެން ދިޔަައީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ސްޕެއިނުން ވަނީ ދެ ވަނަ ހާފް ފެށިގެން ހަ ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. އެ ގޮތުން، މެޗުގެ 51 ވަނަ މިނިޓްގައި ފަބިއަން ރުއީޒް ވަނީ ބޮލުން ގޯލެއް ޖަހައިފަ އެވެ.
އަދި މެޗުގެ 75 ވަނަ މިނިޓްގައި ސްޕެއިނުގެ ތިން ވަނަ ލަނޑު ޖެހީ އޭރިއާތެރެއިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ނިކޯ ވިލިއަމްސް އެވެ. އެ ލަނޑު ޖެހިތާ އަށް މިނިޓް ފަހުން، އޭރިއާރޮނގުމަތިން ޑެނީ އޮލްމޯ ވަނީ ތިިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައި ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.
މި އާއި އެކު ޖޯޖިއާ މުބާރާތާއި އަލްވަދާއު ކީ އިރު ކުއާޓާ ފަައިނަލުގައި ސްޕެއިން ވާދަ ކުރަން ޖެހޭނީ ޖަރުމަނާއެވެ. މިމެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެރެއެވެ.