ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ޖަރުމަނު ކަޓުވާލުމަށްފަހު ސްޕެއިނުން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
މިއީ، ސްޕެއިނުން ޔޫރޯ ފުޓްބޯޅަ މުބާރާތާއި ފީފާ ވޯލްޑް ކަޕްގައި މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި މުބާރާތް ބާއްވާ ގައުމެއް ކުއާޓާ ފައިނަލުން ކެޓި ފުރަތަމަ ފަހަރެވެ.
މަނުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު ސްޕެއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ސްޕެއިނުން މެޗު ކާމިޔާބުކުރީ މެޗުގެ 90 މިނެޓް 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގެ ތެރެއިން ދެވަނަ ހާފް ނިމެން ދަނިކޮށް ކާމިޔާބުކުރި ؛ލަނޑާއެކު 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ 51 ވަނަ މިނިޓްގައި، ސްޕެއިންގެ 16 އަަހަރުގެ ވިންގް، ލަމީން ޔަމާލް ދިން ބޯޅައަކުން އޮލްމޯ އެވެ. މިއީ މި ފަަހަރުގެ ޔޫރޯގައި ޔަމާލް ތަނަވަސްކޮށްދިން ފުރުސަތަކުން ސްޕެއިނުން ޖެހި ތިން ވަނަ ލަނޑެވެ.
އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ފްލޯރިއަން ވިއެޓްޒް އެވެ. އޭނާ މި ލަނޑު ޖެހީ އަރިމަތީ ދަނޑި ކައިރިން ކިމިޗް ބޮލުން ގޯލް އޭރިޔާ ބޭރަށް ޖައްސާލި ބޯޅަ އެއްފަހަރުން ފޮނުވާލައިގެންނެވެ.
ސްޕެއިންގެ ދެވަނަ ގޯލުޖެހީ ތުރު ވަގުތުގެ ދެ ވަނަ ހާފްގެ ކުޅުން ނިމެން ދެ މިނިޓަށް ވަނިކޮށް، އޮލްމޯ ނަގައިދިން ހުރަހަކުން މިކޭލް މެރީނޯ އެވެ.
ރޭގައި ޕޯޗުގަލް އާއި ފްރާންސް ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން 3-5 އިން ޕޯޗުގަލް ބަލިކޮށް އެ ޓީމު ކަޓުވާލުމަށް ފަހު، ފްރާންސް އިން ވެސް ވަނީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދާފައެވެ.
ވޯލްކްސްޕާކް ސްޓޭޑިއަމް ހެމްބާގްގައި ރޭ ކުޅުނު މެޗުގެ ވަގުތު ހަމަވީ ދެޓީމަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އަދި އިތުރު ވަގުތުގެ ދެ ހާފް ކުޅުން ލިބުނުއިރު މިވަގުތުގައިވެސް ދެ ޓީމަށް ނަތީޖާއެއް ދެއްކިފައެއް ނުވެއެވެ.
ގަދަ 16 ބުރުގައި ސްލޮވީނިއާއާ ދެކޮޅަށް ޕެނަލްޓީގައި ނަތީޖާ ނެރެން ޖެހުނު، ޕޯޗުގަލް އިން ކުއާޓާ ފައިނަލުގައި ވެސް ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީގަ އެވެ. އެހެންނަމަވެސް ޕޯޗްގަލްގެ މައްޗަށް ކުރި ހޯދާ، 3-5 ގެ ނަތީޖާއަކާއި އެކު ފްރާންސް ވަނީ ސެމީއަށް ދަތުރުކޮށްފައެވެ.
ސެމީގައި ފްރާންސް ކުޅޭނީ ސްޕެއިނާ ދެކޮޅަށެވެ.
މި ނަތީޖާއާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި 39 އަހަރުގެ ރޮނާލްޑޯގެ ކެރިއަރު ނިމުނީ އެވެ. ރޮނާލްޑޯ ވަނީ 2004 އާއި 2016 ވަނަ އަހަރު ޔޫރޯގެ ފައިނަލުގައި ކުޅެފަ އެވެ. އެ ގޮތުން، 2004 ވަނަ އަހަރުގެ ފައިނަލުގައި ގްރީސް އަތުން ބަލިވި ނަމަވެސް، 2016 ވަނަ އަހަރުގެ ފައިނަލުގައި ފްރާންސް ބަލިކޮށް ތަށި ހޯދި އެވެ.