ޔޫރޯ 2024 ގެ ސެމީ ފައިނަލް ދެވަނަ މެޗުގައި 2-1 ގެ ނަތީޖާއަކުން ނެދަލޭންޑްސް ބަލިކޮށް، އިންގްލެންޑުން ޖެހިޖެހިގެން ދެވަނަ ޔޫރޯ ފައިނަލަކަށް ދަތުރުކޮށްފިއެވެ.
ޖަރުމަނުގެ މަޝްހޫރު ސިގްނަލް އިޑޫނާ ޕާކުގައި މިރޭ ކުޅުނު މެޗު ފަށައިގެން ހަތް ވަނަ މިނިޓްގައި ނެދަލެންޑްސް އިން ލީޑުނެގި އެވެ. މިއީ، އޭރިއާބޭރުން ޒަވީ ސިމޯންސް ޖެހި މޮޅު ގޯލެކެވެ.
ލީޑުނެގި ނަމަވެސް، ނެދަލެންޑްސް އަށް މާ ގިނައިރު ހިފަހައްޓައިނުލެވުނެވެ. އެ ގޮތުން، މެޗުގެ 18 ވަނަ މިނިޓްގައި އިންގްލެންޑްގެ ހެރީ ކޭން ވަނީ ޕެނަލްޓީ އެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި އިންގްލެންޑަށް އެޓޭކް އުފައްދަން އުނދަގޫވިއެވެ. ނެދަލޭންޑްސްއިން މެޗުގެ ކޮންޓްރޯލް ހޯދުމާއެކު، އެޓީމުން ވަނީ ދެ ބަދަލެއް ގެނެސް، އެޓޭކް ރަނގަޅުކުރުމަށް މަސައްކަތް ކޮށްފައެވެ. ކެޕްޓަން ހެރީ ކޭން އާއި ފިލް ފޮޑެންގެ ބަދަލުގައި ކުޅެން ނުކުތީ އޮލީ ވޮޓްކިންސް އަދި ކޯލް ޕާމާއެވެ. މިއީ ކޯޗު ސައުތުގޭޓް، މިފަހަރު ޔޫރޯ މެޗެއްގައި ކެޕްޓަން ކޭން ބަދަލުކުރި ފުރަތަމަ ފަހަރެވެ.
އަދި މެޗުގެ ފަހު 10 މިނިޓަށް ކޭންގެ ބަދަލުގައި ނުކުތް ވަޓްކިންސް ލަނޑު ޖެހީ ކޯލް ޕާމާ ދިން ބޯޅައަކުން، މެޗުގެ 90 ވަނަ މިނިޓުގަ އެވެ. މި ލަނޑާއެކު އިންގްލޭންޑުން ވަނީ ޔޫރޯގެ ފައިނަލުން ޖާގަ ހޯދާފައެވެ.
އެންމެ ފަހުން، ޔޫރޯގެ ފައިނަލުގައި އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި އިންގްލެންޑުން މި ފަހަރުގެ ފައިނަލުގައި އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭނީ ސްޕެއިނާ ދެކޮޅަށެެވެ. މިއީ ގައުމުން ބޭރުގައި ކުޅޭ ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލުން އިންގްލެންޑް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.