ޔޫރޯ 2024 ގެ ފައިނަލުގައި ސްޕެއިންގެ ފޯވާޑަށް ކުޅޭ ކުޅުންތެރިޔާ ލަމިން ޔަމާލް ހުއްޓުވަން އުނދަގޫ މަސައްކަތެއް ކުރިމަތިވާނެ ކަމަށް ޤަބޫލުކުރާކަމަށް އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ވަނީ ބުނެފައެވެ.
ސެމީ ފައިނަލުގައި ނެދަލޭންޑްސްގެ މައްޗަށް 90 ވަނަ މިނެޓުގައި އޮލީ ވޮޓްކިންސް ޖެހި ލަނޑާއެކު ކުރި ހޯދާ އިންގްލެންޑް ނުކުންނާނީ ގަދަފަދަ ސްޕެއިން އާ ދެކޮޅަށެވެ.
ޖަރުމަނުގެ ބާއްވާ ޔޫރޯގެ އެންމެ ވާދަވެރި އެއް ޓީމެއްގެ ގޮތުގައި ސްޕެއިން ވާދަކުރާއެިރު، އެ ޓީމުގެ ފޯވާޑު އަދި ބާސެލޯނާގެ ވިންގާ ޔަމަލް ފާހަގަކޮށްލެވެނީ މިއހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ގޮތުގައެވެ.
މި މުބާރާތުގައި ޔަމަލް އަށް އެއް ގޯލާއި ތިން އެސިސްޓް ވަނީ ލިބިފައެވެ.
މިދިޔަ ހޮނިހިރު ދުވަހު 17 އަހަރު ފުރުނު ޔަމަލް ވެގެންދާނީ ވޯލްޑް ކަޕް ނުވަތަ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ފައިނަލެއްގައި މިހާތަނަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޯދި ކުޅުންތެރިޔާ އަށެވެ. މި ޝަރަފު ޔަމަލް ހޯދީ 1958 ވަނަ އަހަރުގެ ވޯލްޑް ކަޕުން (17 އަހަރާއި 249 ދުވަސް) ޕެލޭ ހެދި ރެކޯޑް މުގުރާލައިގެންނެވެ.
އިންގްލެންޑުން މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެ ޓީމްގެ ކެޕްޓަން ކޭން ވަނީ ޔަމަލް އަށް ކުރިމަތިވެދާނެ ނުރައްކަލުގެ އިންޒާރު ދީފަ އެވެ.
“އަހަރެން ބޭނުން އޭނާއަށް އުފަންދުވަހުގެ ތަހުނިޠާ ކިޔަން. އޭނާއަކީ މޮޅު ކުޅުންތެރިއެއް. އުމުރުން 17 އަހަރުގައި މިކަހަލަ މުބާރާތެއްގައި މިކަން ކުރުމަކީ އޭނާއާ ބެހޭ ގޮތުން ވަރަށް ގިނަ ކަންތައްތަކެއް ކިޔައިދޭ ކަމެއް،” ކޭން ބުންޏެވެ.
ކޭންވަނީ ޔަމަލް ކުޅޭއިރު، ބިރުވެރިކަމެއް ނެތި، މިނިވަންކަމާ އެކީ، އުފަލުގައި އޭނާ ކުޅޭތަން ފެންނަކަމަށް ބުނެފައެވެ. އަދި ޔަމަލް ވެގެންދާނީ މި މެޗުގައި އެންމެ އުނދަގޫ އެއް ކުޅުންތެރިޔާއަށްކަމަށް ކޭން ބުނެފައިވެއެވެ.
“އޭނާ މިހާތަނަށް ކުރި މަސައްކަތަށް މަރުހަބާ ކިޔަން.” ކޭން ބުންޏެވެ.
ޔޫރޯ 2024 ހަތް ފުރުސަތެއް އުފެއްދި ޔަމަލް އަށް 13 ޝޮޓް އިންވޯލްމަންޓް ލިބިފައިވާއިރު، މި އަދަދު އެހެން އެއްވެސް ކުޅުންތެރިއަކަށް ވުރެ މަދުވެގެން ތިން ގުނަ އިތުރެވެ.
އެތުލެޓިކް ބިލްބާއޯގެ ނިކޯ ވިލިއަމްސް ވެސް ވަނީ އަނެއް ފަޅީގައި މޮޅު ކުޅުމެއް ދައްކާފައި ކަމަށާއި ނަމަވެސް ފުލްބެކް ލޫކް ޝޯ ބުނީ ހަމައެކަނި ލާ ރޯޖާގެ ވައިޑް ކުޅުންތެރިންނަށް ފޯކަސް ކުރުމަކީ އިންގްލެންޑަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މިރޭ ސްޕެއިން އާއި އިންގްލެންޑް ވާދަކުރާއިރު، ސްޕެއިން އަކީ ޖެހި ޖެހިގެން ދެ ފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައިވާ ހަމަ އެކަނި ޓީމެވެ. އަދި މީގެ އިތުރުން ސްޕެއިން ވަނީ ތިން ފަހަރެއްގެ މަތިން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
މިރޭގެ ފައިނަލަށް އިންގްލެންޑް އަދި ސްޕެއިން ނިކުންނައިރު، މި ދެ ޓީމު މީގެ އަށް ފަހަރެއްގެ މަތިން ވަނީ ވާދަކޮށްފައެވެ. މީގެ ތެރެއިން ފަސް ފަހަރެއްގެ މަތިން ސްޕެއިން ވަނީ ކާމިޔާބު ހޯދާފައެވެ.
ސްޕެއިން ފާހަގަކޮށްލެވެނީ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ޓީމުގެވެސް ގޮތުގައެވެ.