ޔޫރޯ 2024 ގެ ފައިނަލްގައި ރޭ އިންގްލެންޑް ބަލިކޮށް، ސްޕެއިނުން ރެކޯޑު ހަތަރު ވަނަ ޔޫރޯ ކާމިޔާބު ކޮށްފިއެވެ.
ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލު މެޗު ސްޕެއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކު 1966 ގެ ވޯލްޑް ކަޕު ތައްޓަށްފަހު އިންގްލެންޑުން ބޮޑު މުބާރާތެއް ކާމިޔާބުކުރަން ކުރާ މަސައްކަތަށް އަނެއްކާ ވެސް އެޅުނު ހުރަހަކަށެވެ. އެންމެ ފަހުން ބޭއްވި ޔޫރޯގެ ފައިނަލުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ. އެއީ އިޓަލީ އަތުންނެވެ.
އަނެއްކޮޅުން ސްޕެއިން ނުކުތީ އެގައުމުގެ ރަން ޖީލުން އެންމެފަހުން ހޯދި 2012 ވަނަ އަހަރު ޔޫރޯގެ ކާމިޔާބީ ތަކުރާރު ކުރުމަށެވެ. އެއީ ރޭގެ ކުރިން ސްޕެއިނުން ޔޫރޯ ފައިނަލެއްގައި އެންމެފަހުން ކުޅުނު އަހަރެވެ. ސްޕެއިނަށް އޮތީ ރޭ ތަށި ހޯދައި، ޔޫރޯގެ ތާރީހުގައި އެންމެ ގިނަ މުބާރާތް ކާމިޔާބު ކުރި ޓީމަށްވުމެވެ. މީގެ ކުރިން އެންމެ ގިނަ ޔޫރޯ ކާމިޔާބުކުރުމުގެ ރެކޯޑު އޮތީ ސްޕެއިނާއި ޖަރުމަނު އަތުގައެވެ.
ސްޕެއިނުގެ ރަން ޖީލުގެ ގޮތުގައި ފާހަގަކުރާ މި ސްކޮޑަކީ މުބާރާތުގެ އެއް ފެވަރިޓެވެ. އެ މޮޅު ކުޅުން މި މެޗުގައި އެ ޓީމުން ވަނީ ވަރަށް ރަނގަޅަށް ދައްކާލާފައެވެ.\
މެޗުގެ ކުރީކޮޅުގައި އިންގްލެންޑުން ސްޕެއިނަށް ކުޅުން ދޫކޮށްލިއެވެ. ސްޕެއިނުން އެޓީމުގެ ރަސްމީ ކުޅުމުގައި ގިނަ ޕާސްތަކެއް ޖަހައިގެން، ޑޮމިނޭޓް ކުރަން މަސައްކަތް ފެށިއެވެ.
ދެވަނަ ހާފުގައި ސްޕެއިން އެ ޓީމުގެ ކުޅުން މަޑުމަޑުން ދައްކަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ސްޕެއިން ލީޑު ނެގިއެވެ. މެޗުގެ 47 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ނިކޯ ވިލިއަމްސް އެވެ. މިއީ މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހޯދި ލަމީން ޔަމާލް ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
އިންގްލެންޑަށް ގޯލެއް ކާމިޔާބު ކުރެވިފައިވަނީ މެޗުގެ 73 ވަނަ މިނެޓުގައެވެ. އެއީ ބަދަލުގައި ނުކުތް ޕާމާ، ޖެހި ގޯލަކުންނެވެ މި ގޯލާއ އިނގިރޭސިން ކެކި އެރިއެވެ.
އެހެންނަމަވެސް މެޗުގެ 85 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ މުބާރާތް ކާމިޔާބުކުރި ލަނޑު ޖަހާފައެވެ. މިއީ މާކް ކުކުރެއާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މިކެލް އޮޔާޒަބަލް ކާމިޔާބުކުރި ލަނޑެކެވެ.
މި މެޗުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސްޕެއިނުގެ ރޮޑްރިގޯ އެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ލަމީން ޔަމާލެވެ.



