ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓްގައި، މިއަދު ކުޅުނު މެޗުން، ރާއްޖޭގެ ފާތިމަތު ނަބާހާ (ނަބާ) އަތުން އެސްޓޯނިއާގެ ކްރިސްޓިން ކޫބާ މޮޅުވެއްޖެ އެވެ.
ނަބާހާ މިފަހަރު އޮލިމްޕިކްސްގައި ވާދަކުރީ ވަރުގަދަ ދެ ކުޅުންތެރިންނާ އެއް ގްރޫޕެއްގައެވެ. އެއީ މިއަދުގެ މެޗުގައި ކުޅުނު ދުނިޔޭ ރޭންކިންގެ 73 ވަނައިގައި އޮތް ކޫބާގެ އިތުރުން އިންޑިއާ ލެޖެންޑަރީ އަންހެން އެތުލީޓް، ޕީވީ ސިންދޫ ހިމެނޭ ގުރޫޕެކެވެ. ސިންދޫ މީގެ ކުރިން ދެ އޮލިމްޕިކްސްއެއްގައި މެޑަލް ހޯދާފައިވާ އިރު، އޭނާ މިހާރުވެސް އޮތީ ދުނިޔޭ ރޭންކިންގެ 13 ވަނައިގައެވެ.
ފުރަތަމަ ސެޓު ފަށައިގެން، ނަބާހާ ފުރަތަމަ ޕޮއިންޓް ހޯދި ނަމަވެސް، ކޫބާ ވަނީ ނަތީޖާ އަނބުރާލައި، ކޮންޓްރޯލެއް ހޯދަން މަސައްކަތް ފަށައިފަ އެެވެ. އެކަމަކު، އޭގެ ފަހުން ވެސް ނަބާހާ ދެ ފަަހަރެއްގެ މަތިން އެއް ޕޮއިންޓުގެ ލީޑެއް ނެގި އެވެ. ކޫބާ އަށް ސެޓުގެ ކޮންޓްރޯލް ލިބުނީ، 5-5 އިން އެއްވަރުވި ފަހުންނެވެ. އޭގެ ފަހުން، ލީޑުފުޅާކޮށް، ރެލީތަކުގައި ނަބާހާ އަށް ޕްރެޝަރު ބޮޑުކޮށް ކުޅެ، ރަނގަޅު ފަރަގަކާ އެކު، 21-07 އިން ސެޓު ގެންދިޔަ އެވެ.
ދެވަނަ ސެޓުގައިވެސް ކޫބާ ރަނގަޅު ކޮންފިޑެންސަކާއެކު ކުޅެފައިވާ އިރު، ފުރަތަމަ ކޮޅުގައި ނަބާހާ ވަނީ ރަނގަޅަށް ކުޅެފައެވެ. ދެ ފަހަރެއްގެ މަތިން ނަބާހާ ކޫބާއާ އެއްވަރުކުރި ނަމަވެސް، ކޫބާ ވަނީ ފަހުކޮޅުގައި މެޗުގެ ކޮންޓްރޯލް ހޯދައިފައެވެ. ނަބާހާ ހިތްވަރާއެކު ކުޅެމުން ދިޔަ ނަމަވެސް، ކޫބާ ވަނީ 21-9 އިން ސެޓު ގެންގޮސްފައެވެ.
ނަބާހާ ވަނީ މި ފަހަރު އޮލިމްޕިކްސްގައި ކުޅުނު ފުރަތަމަ މެޗުން އިންޑިއާގެ ޕީވީ ސިންދޫ އަތުން ބަލިވެފަ އެވެ. ތަޖުރިބާކާރު ކުޅުންތެރިޔާ، ސިންދޫ ސެޓުތައް ގެންދިޔައީ، 21-09، 21-06 އިންނެވެ.
މިއީ، ނަބާހާ އޮލިމްޕިކްސްގައި ވާދަކުރާ ދެވަނަ ފަހަރެވެ. ޓްރައިޕާޓައިޓް ފުރުސަތެއްގައި ޖެހިޖެހިގެން ދެވަނަ އޮލިމްޕިކްސްގައި ނަބާހާ ފެނިގެންދާއިރު، އޭނާއަކީ ދެ އޮލިމްޕިކްސްއެއްގައި ރާއްޖެ ތަމުސީލުކުރާ ފުރަތަމަ ބެޑްމިންޓަން ކުޅުންތެރިޔާއެވެ.