އަންހެނުންނަކީ ގުދުރަތީގޮތުން ވެސް ހިތްވަރުގަދަ ބައެކޭ ބުނެ އުޅެއެވެ. ވަރުގަދަ ބާރެއް ކަމަށް ބުނެވެއެވެ. އޭގެ އެއް މިސާލަކީ މިހާރު ކުރިއަށްދާ ޕެރިސް އޮލިމްޕިކް ގޭމްސްގައި މިސްރުގެ ފެންސަރ ނަދާ ހާފިޒްގެ ބަޑަސޭރީ އެވެ.
“ވިމެންސް އިންޑިވިޖުއަލް ސަބްރޭ” މުބާރާތުގެ ފުރަތަމަ ބުރުގައި ނަދާ އެންމެ ފުރަތަމަ އެމެރިކާގެ އެލިޒަބަތު ޓާޓަކޮވްސްކީ ބަލިކުރިއިރު، އޭނާ ބަލިވީ ރިޕަބްލިކް އޮފް ކޮރެއާގެ ޖިއޯން ހަޔޯންގް އަތުންނެވެ.
މި މެޗަށް ފަހު ނަދާ ހާފިޒް ސޯޝަލް މީޑިއާގައި ކުރި އިމޯޝަނަލް ޕޯސްޓެއްގައި ވަނީ އޭނާ މަންމައަކަށް ވާނެ އުޅޭކަމުގެ އުފާވެރި ޙަބަރުދީފައެވެ. މި ހަބަރާއެކުވެސް ދުނިޔެ ހައިރާންކޮށްލީ އުމުރުން 26 އަހަރުގެ ނަދާ ހާފިޒް ވާދަކުރީ އޭނާގެ ހަތް މަހުގެ ބަނޑަކާއެކުގައި ކަމަށް ބުނުމުންނެވެ. އެއާއެކު ސޯޝަލް މީޑިޔާ ފުރާލާފައިވަނީ ނަދާގެ ފޮޓޯތަކުންނެވެ.
“ޕޯޑިއަމްގައި ތިބި ދެ ކުޅުންތެރިންނަކީ ތިޔަބޭފުޅުންނަށް ފެންނަ އެއްޗެއް، ހަގީގަތުގައި އެ ތިން ކުޅުންތެރިން! އެއީ އަހަރެން، އަހަރެންގެ ވާދަވެރިޔާ، އަދި އަހަރެންގެ ދުނިޔޭގައި އަދި ވެސް ނާންނަ ދަރިފުޅު!” ނަދާ ހާފިޒްގެ ޕޯސްޓްގައި ބުނެފައި ވެއެވެ.
އޭގެ ފަހުން އިންސްޓަގްރާމްގައި މި ހަރަކާތުގެ ބައެއް ފޮޓޯތައް ޕޯސްޓްކޮށް، “7 މަހުގެ މާބަނޑު އޮލިމްޕިއަން!” މިހެން ލިޔެ، މާބަނޑުކަން އިއުލާނު ކުރިއެވެ.
ނަދާ ހާފިޒް ވަނީ ޖިސްމާނީ ގޮތުން ވިޔަސް ނުވަތަ ނަފްސާނީ ގޮތުން ވިޔަސް އޭނާ އާއި އޭނާގެ ތުއްތު ދަރިފުޅުގެ ޗެލެންޖްތަކުގެ އިންސާފުވެރި ހިއްސާ އޮތް ކަމަށް ބުނެފައެވެ.
ނަދާ ހާފިޒްގެ ގެ ޕޯސްޓުގައި އިތުރަށް ބުނެފައި ވަނީ އޭނާ އެ ޚަބަރު ހިއްސާކުރަން ނިންމީ ގަދަ 16 ގެ ޖާގަ ހޯދުމުގެ ފަޚުރު އޭނާ އަށް ލިބުމުން ފަޚުރުވެރިވާކަން އޭނާގެ ފޮލޯވަރުންނަށް އަންގަން ބޭނުންވާތީ ކަމަށެވެ.
ކޮންމެ މާބަނޑު ދުވަސްވަރަކީ ވެސް ތަފާތު ކަމެއް ނަމަވެސް ގިނަ އަންހެނުން ނަށް އިރުޝާދު ދެނީ ތިން ވަނަ އަދި ފަހު ޓްރައިމެސްޓާގައި ހަރަކާތްތެރިވެ އުޅުމަށެވެ. އެހެންކަމުން، ކުޅިވަރާއި އެހެނިހެން ހަރަކާތްތަކުގައި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުމަށް ހިތްވަރު ދެއެވެ.