ޕޯޑިއަމްގައި ތިބެ އެލީޓް އެތުލީޓުން މެޑަލްގައި ދަތް އެޅުމަކީ އޮލިމްޕިކްސްގައި އެކަނި ފެންނަ ވަރަށް އާދަޔާ ހިލާފު މަންޒަރެކެވެ.
އެގޮތުން މައިކަލް ފެލްޕްސް، އުސެއިން ބޯލްޓް އަދި ސިމޯން ބައިލްސް އަލަށް ހޯދި މެޑަލްތަކުގައި ދަތްއަޅާ ފޮޓޯތަކަކީ އޮލިމްޕިކް ގޭމްސްގެ އެންމެ ފާހަގަކޮށްލެވޭ ފޮޓޯތަކެވެ.
އެކަމަކު ނޭނގެނީ އޮލިމްޕިއަނުންގެ މި އާދަޔާ ޚިލާފު ޢަމަލުތަކުގެ ފަހަތުގައިވާ ސަބަބެވެ.
ސައްހަކަން ބެލުމަށް؟
ތާރީޚުން އެނގޭ ގޮތުގައި، ކުރީޒަމާނުގައި ވިޔަފާރިވެރިން އެމީހުންގެ ރަނުގައި ދަތްއަޅާ އުޅެނީ އެ އަގުހުރި ދަގަނޑު ފައިސާގެ ގޮތުގައި ބޭނުންކުރިއިރު، އޭގެ ސައްހަކަން ޔަގީން ކުރުމަށެޗެ. ރަނަކީ ދަތްއަޅާލުމުން އޭގައި ފާހަގަ އެނގެން ހުންނަ ލުއި މައުދަނެކެވެ.
ނަމަވެސް އޮލިމްޕިކް ޗެމްޕިއަނުން ދަތްއަޅައިގެން ފޮޓޯނަގަމުންދަނީ މެޑަލްގެ ސައްހަކަން ބެލުމަށޭ ބުނުމަކީ މުޅިން އަދި ރަނގަޅު ވާހަކައެއް ނޫނެވެ. ސަބަބަކީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން 1912 ވަނަ އަހަރު އަސްލު ރަން މެޑަލް ދިނުން ހުއްޓާލާފައިވާތީއެވެ.
ފޮޓޯގްރާފަރުންގެ ޑިމާންޑަށް!
އެހެންނަމަވެސް އޮލިމްޕިކް ނަސީބުވެރިން އަދިވެސް މެޑަލްގައި ދަތް އަަޅަނީ އެކަމަށް ފޮޓޯގްރާފަރުން އެދޭތީއެވެ. އިންޓަނޭޝަނަލް ސޮސައިޓީ އޮފް އޮލިމްޕިކް ހިޓޯރިއަންސްގެ ރައީސް ޑޭވިޑް ވޮލެޗިންސްކީ ސީއެންއެންއަށް ވިދާޅުވި ގޮތުގައި މިކަން މިހާރުވަނީ ފޮޓޯގްރާފަރުންގެ އޮބްސެޝަނަކަށް ވެފައެވެ.
އަދި ޝަޓަބަގްސް ދެކޭ ގޮތުގައި މެޑަލް ދަތްއަޅާ ޕޯޒަކީ ޖެހިގެން އަންނަ ދުވަހުގެ ނޫހުގެ ފުރަތަމަ ސަފުހާގައި ހިމެނިދާނެ ޝޮޓެއް ކަމުން އެކަން ކުރުމަށް އެތުލީޓުންގެ ކިބައިން އެދެއެވެ.
“އަޅުގަނޑަށް ހީވަނީ އެމީހުން މި ބަލަނީ އައިކޮނިކް ޝޮޓެއްގެ ގޮތުގައި، ވިއްކޭނެ އެއްޗެއްގެ ގޮތުގައި. އެއީ އެތުލީޓުން އަމިއްލައަށް ކުރާނެ ކަމެއް ކަމަކަށް ނުދެކެން،” ވަލެޗިންސްކީ ކިޔައިދިނެވެ.
މެޑަލްގައި ދަތްއެޅުމުގެ ތާރީހަށް ބަލާއިރު، 2010 ވަނަ އަހަރުގެ ވިންޓަރ އޮލިމްޕިކްސްގައި ރިހި މެޑަލް ހޯދި ޖަރުމަނުގެ ލޫގަރ ޑޭވިޑް މޮއެލަރ މަޝްހޫރު ޕޯޒް ހަދަމުން ދަނިކޮށް ދަތެއްވެސް ބިންދައިގެން ދިޔައެވެ.