ދިވެހި މުއޭ ތައި ޓީމު ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ “ބެޓަލް އޮފް ދަ ޓައިޓަންސް” މުބާރާތަށް ތައްޔާރުވަމުންދާ ކަމަށް އެ ޓީމުން ބުނެފިއެވެ. މި މުބާރާތަކީ ވޯލްޑް ބޮކްސިންގ ކައުންސިލް މުއޭތައި ސްރީލަންކާއިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ.
ނޮވެމްބަރު 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ދިވެހިރާއްޖެއާއި ސްރީލަންކާގެ 18 ފައިޓަރުން ވާދަކުރާނެއެވެ. މީގެ ތެރޭގައި ޑަބްލިއުބީސީ ޓައިޓަލް ބެލްޓަށް ކުރެވޭ ފައިޓެއްވެސް ހިމެނެއެވެ.
ދިވެހިރާއްޖޭގައި މުއޭ ތައި ކުޅުމަކީ ވަރަށް އައު ކަމެއް ނަމަވެސް، މި ކުޅިވަރަށް ޝައުޤުވެރިވާ ފަރާތްތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ދިވެހިރާއްޖޭގެ މުއޭ ތައި ޓީމު އުފެއްދީ ޢަބްދުﷲ ފިރުޝާން ޢަލީ، މުޙައްމަދު ޝަނާޒް އަދި ޢަލީ ހައިޝަމްއެވެ. ފިރުޝާނަކީ ޓީމުގެ ފައުންޑަރެވެ. ޝަނާޒަކީ ހެޑް ކޯޗެވެ. އަދި ހައިޝަމަކީ އޮޕަރޭޝަންސް މެނޭޖަރެވެ.
މި ޓީމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ މާލޭގައި ފުރަތަމަ ފަހަރަށް ބޭއްވި އިން-ހައުސް ފައިޓް ނައިޓެވެ. މި އިވެންޓަކީ ދިވެހިރާއްޖޭގައި މުއޭ ތައި ކުޅުމަށް ޝައުޤުވެރިކަން އުފެދުނު މުހިންމު ހަރަކާތެކެވެ.
މުއޭ ތައި ޓީމުގެ މުސްތަޤުބަލާ މެދު އެ ޓީމުން ވަރަށް ބޮޑު އުންމީދުތަކެއް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. އެގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކޮށް، ޓައިޓަލްތައް ހޯދުމަކީ އެ ޓީމުގެ އަމާޒެކެވެ.
ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ މުއޭ ތައި ޓީމަށް ރަސްމީ ދަތުރު ކިޓްތައް ހަވާލުކޮށްފައެވެ.
“ބެޓަލް އޮފް ދަ ޓައިޓަންސް” އަކީ ދިވެހި މުއޭ ތައި ޓީމަށް ވަރަށް މުހިންމު މުބާރާތެކެވެ. މި މުބާރާތުގައި ދިވެހި ފައިޓަރުން ދައްކާ ހުނަރާއި ޤާބިލުކަމަކީ މުޅި ޤައުމުގެ ފަޚުރަކަށް ވެގެންދާނެ ކަމެކެވެ. 2025 ވަނަ އަހަރު އެމްއެފްސީ (މޯލްޑިވްސް ފައިޓިންގ ޗެމްޕިއަންޝިޕް) ފެށުމާއެކު، ދިވެހިރާއްޖޭގައި މުއޭ ތައި ކުޅުމުގެ މުސްތަޤުބަލް އިތުރަށް އުޖާލާވެގެންދާނެ ކަމަށް ބެލެވެއެވެ.