ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ރަށްތަކާއި ސިޓީތަކަށް ހާއްސަ ބީޗް ވޮލީބޯޅަ މުބާރާތެއް ބޭއްވުމަށް ހުޅުވާލައިފިއެވެ. “ރާއްޖެ ބީޗް ވޮލީ ލީގު” ގެ ނަމުގައި ބާއްވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.
މި މުބާރާތަކީ ލާމަރުކަޒީ ގާނޫނުގައި އިދާރީ ދާއިރާތައް ކަނޑައެޅިފައިވާ ގޮތަށް ބާއްވާ މުބާރާތެކެވެ. މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމެއްގައި ހިމެނެންޖެހޭނީ އެ ރަށަކަށް ނުވަތަ ސިޓީއަކަށް ނިސްބަތްވާ ކުޅުންތެރިން އެކަނި ކަމަށް ވީއޭއެމްއިން ވަނީ ހާމަކޮށްފައެވެ.
އަންހެނުންނާއި ފިރިހެނުންނަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގައި ކޮންމެ ރަށަކުން ހަތަރު ކުޅުންތެރިން ރަޖިސްޓަރީ ކުރެވޭނެއެވެ. މީގެ ތެރޭގައި އަންހެން ޑިވިޝަނުން ދެ ކުޅުންތެރިންނާއި ފިރިހެން ޑިވިޝަނުން ދެ ކުޅުންތެރިން ހިމެނެއެވެ.
މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 2 ވަނަ ދުވަހުއެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މާރިޗު 23 ވަނަ ދުވަހުގެ މެންދުރު 11:00 ގެ ކުރިން ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އޮންނާނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 2,500 ރުފިޔާ ދައްކަންޖެހޭނެއެވެ. އަދި މުބާރާތުގެ އިނާމުގެ ގޮތުގައި 20,000 ރުފިޔާ ވީއޭއެމްއިން ވަނީ ކަނޑައަޅާފައެވެ.