ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރާއްޖެ އާއި އިންޑިއާ މިއަދު އިރުއޮއްސޭއިރު ބައްދަލުކުރާއިރު، މި މެޗު ކުޅޭނީ އިންޑިޔާގެ އިރުމަތީގައިވާ ސިޓީ ޝިލޮންގުގެ ޖަވާހިރުލާލް ނެހުރޫ ސްޓޭޑިއަމުގައެވެ. މެޗު ފެށޭނީ ރާއްޖޭގެ ވަގުތުން 18:30 ގައެވެ.
މި މެޗު ކުޅޭއިރު މޫސުން އޮންނާނީ 12 ޑިގްރީގައި ފިނިކޮށެވެ. އިންޑިއާ ކުޅުންތެރިންވެސް މިކަން ފާހަގަކުރާއިރު، ފުޓްބޯޅަ ކުޅެން ނުހަނު ފަސޭހަ މޫސުމެއްގައި މެޗު ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.
މި މެޗާ ގުޅޭގޮތުން އިންޑިއާގެ ކޯޗު މަނަލޯ މާކޭޒް ވަނީ މާގިނަ ވާހަކަތަކެއް ނުދައްކައެވެ. އޭނާ އަމާޒު ހިފައިގެން އުޅެނީ މި މަހުގެ 25 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ބަނގްލަދޭޝްއާ ކުޅެންޖެހޭ މެޗަށެވެ. ނަމަވެސް ދިވެހި ޓީމުގެ ކޯޗު އަލީ ސުޒޭން ވިދާޅުވެފައިވަނީ ސާކް ސަރަހައްދުގެ ގަދަ ބާރަކީ ރާއްޖެ އާއި އިންޑިޔާ ކަމަށާއި، މެޗުގެ ވާދަވެރިކަން ބޮޑުވާނެ ކަމަށެވެ.
އިންޑިއާގެ ޓީމަށް އިތުރު ބާރެއް ލިބިފައިވަނީ އެ ޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލު ޖަހައިދިން ސުނިލް ޗެތުރީ އަލުން އެނބުރި ގައުމީ ޓީމާ ގުޅުމުންނެވެ. އިންޑިއާގެ ބައެއް ކުޅުންތެރިން ބުނެފައިވާ ގޮތުގައި މި މެޗުން މޮޅުނުވެވިއްޖެނަމަ އެއީ އެ ޓީމަށް ބޮޑު ލަދެއް ކަމުގައި ވާނެއެވެ.
މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ރާއްޖޭގެ ކޯޗު އަލީ ސުޒެއިން ބުނެފައިވަނީ ރާއްޖޭގެ ޓީމުގެ ކުޅުންތެރިންނާއި އޭނައާއި ދޭތެރޭ އިތުބާރު އެބައޮތް ކަމަށެވެ. ސުޒެއިން ބުނެފައިވަނީ ރާއްޖެ އަކީ ވަރަށް ފުޓުބޯޅައިގެ ގައުމެއް ކަމަށާއި، އެހެން ކަމުން ދިވެހިންނަށްޓަކައި މި މެޗުން މޮޅުވާން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
ދެ ޓީމުންވެސް މި މެޗުގެ ބޭނުން ހިފާނީ އޭޝިއަން ކަޕް ކޮލިފައިންގ މެޗުތަކަށް ތައްޔާރުވުމަށެވެ. ރާއްޖެއިން 25 ވަނަ ދުވަހު ކުޅޭނީ ފިލިޕީންސްއާ ދެކޮޅަށެވެ. މި މެޗަށް ދެ ޓީމުންވެސް ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.



