ބަންޑާރަނައިބުގެ އޮފީހުގެ ރެކްރިއޭޝަން ކްލަބުން އިންތިޒާމުކުރާ “ބަންޑާރަ ކަޕް” ގެ ހަތަރުވަނަ އެޑިޝަން މިއަދު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ކްލަބުން ހާމަކޮށްފިއެވެ.
މިއަދުން ފެށިގެން މިމަހު 17 އަށް ހެންވޭރު ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ފިރިހެން ޑިވިޜަނުގައި 13 ޓީމަކާއި އަންހެން ޑިވިޜަނުގައި 11 ޓީމެއް ވާދަކުރާނެއެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ހަވީރާއި ރޭގަނޑުގެ ވަގުތުތަކުގައެވެ. އަދި ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމުމަކަށް އަންނާނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.
މި އަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޜަނުގެ ގްރޫޕް އޭގައި ހިމެނެނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ “ކްލަބް 220” އާއި، ސިވިލް ކޯޓުގެ “ކްލަބް ސީ.ވީ.ސީ.” އާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ “އޭ.ޖީ.އޯ.އާރު.ސީ.” އަދި ޕްރައިވެޓް ބަރގެ ވަކީލުން ތަމްސީލުކުރާ “ޓީމް ސޫޖީ” އެވެ.
ގްރޫޕް ބީގައި ވާދަކުރާނީ ކްރިމިނަލް ކޯޓުގެ “ޓީމް ސީ.އާރު.ސީ.” އާއި، ސީ.އެލް.އޭ. ޕާޓްނަރސްގެ “ޓީމް ކްލެޕް” އާއި، މީރާގެ ރެކްރިއޭޝަން ކްލަބް “މީރާ އާރު.ސީ.” އަދި ޕެންޝަން އޮފީހުގެ “ޕެންޝަން އާރު.ސީ.” އެވެ.
މުބާރާތުގެ ގްރޫޕް ސީގައި ހިމެނެނީ ފިރިހެން ޑިވިޜަނުގެ ޑިފެންޑިންގ ޗެމްޕިއަން ޑްރަގް ކޯޓުގެ “ޓީމް ޑީ.ސީ.” އާއި، ބަންޑާރަނައިބުގެ އޮފީހުގެ “ބަންޑާރަ ކްލަބް” އާއި، އޭސީސީގެ “އޭ.ސީ.ސީ.އާރު.ސީ.” އާއި އެޗްއާރުސީއެމްގެ “އެޗް.އާރު.އާރު.ސީ.” އަދި ރައްޔިތުންގެ މަޖިލީހުގެ “ޕެމާ” އެވެ.