ސީރިއާގެ އިރުމަތީ ސަރަހައްދުގައި ހުންނަ އަލް-މަޔަދީން ރަށުގެ ފުލުހުންގެ މަރުކަޒަކަށް އަމާޒުކޮށް ދިން ބޮން ހަމަލާއެއްގައި 3 މީހުން މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސަރުކާރުގެ ނޫސް އެޖެންސީ ސާނާއިން ރިޕޯޓުކޮށްފިއެވެ.
ދެއިރު އަލް-ޒޯރު ސަރަހައްދުގައި އިއްޔެ ދިން މި ހަމަލާގައި އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ސަލާމަތީ ވަސީލަތްތަކާ ހަވާލާދީ ސާނާއިން ބުނެފައިވެއެވެ. މި ހަމަލާ ދިން ފަރާތަކާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
މި ހަމަލާ އައިސްފައިވަނީ ހަލެބު (އަލެޕޯ) ގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ތިން ހަނގުރާމަވެރިން މަރާލައި، އިތުރު ހަތަރު މީހުން ހައްޔަރުކުރި ދުވަހުގެ ޖެހިގެން އައި ދުވަހުއެވެ. މިއީ ވަގުތީ ސަރުކާރުން އައިއެސްއާ ދެކޮޅަށް ހިންގި މިފަދަ އޮޕަރޭޝަނެއް ފުރަތަމަ ފަހަރަށް އިއުލާނުކުރި ފަހަރެވެ.
ޑިސެމްބަރު މަހު ދަމަސްކަސްގެ ވެރިކަން ހޯދި ވަގުތީ ރައީސް އަހުމަދު އަލް-ޝަރާއަކީ އައިއެސްއާ ދެކޮޅު ހަރުކަށި ސިޔާސަތެއް ގެންގުޅޭ ލީޑަރެކެވެ. އޭނާގެ ބާރުތަކުން ސީރިއާގެ ހަނގުރާމައިގައި އައިއެސްގެ ހިލާފަތާ ދެކޮޅަށް ހަނގުރާމަކޮށްފައިވެއެވެ. އަލް-ޝަރާއަކީ ހަޔަތު ތަހުރީރު އަލް-ޝާމް ގްރޫޕްގެ ލީޑަރެވެ. މި ގްރޫޕުން 2016 ގައި އަލް-ގައިދާއާ ގުޅުން ކަނޑާލިއެވެ.
މި ހަމަލާ އައިސްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސީރިއާއިން ދަތުރުފަތުރުގެ ހުރަސްތައް ނަގަން ނިންމި ނިންމުމަށް ފަހުގައެވެ. މި ނިންމުމަކީ ސީރިއާގެ އިގްތިސާދު އަލުން ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ސީރިއާގެ ރައްޔިތުން އުންމީދުކުރެއެވެ.



