ރާއްޖޭގެ ކުޅިވަރު ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކުރީގެ ކުޅިވަރު ވަޒީރުންގެ މަސައްކަތުގެ އަގުވަޒަކޮށްފި އެވެ.
މި ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރުކަން ކުރައްވާފައިވާ 13 ބޭފުޅެއްގެ މަސައްކަތުގެ އަގުވަޒަންކޮށް، އެ ބޭފުޅުންނަށް ޚާއްސަ އެވޯޑުތަކެއް ދީފައިވެ އެވެ. މީގެ ތެރޭގައި އަލްމަރުހޫމް އުމަރު ޒާހިރު، ރާޝިދާ ޔޫސުފް، ޑރ. މުހައްމަދު ޒާހިރު ހުސައިން، އިބްރާހިމް ހުސައިން މަނިކު، ހުސައިން ހިލްމީ، މުހައްމަދު ވަޙީދުއްދީން، ޑރ. އައިޝަތު ޝިހާމް، ހަސަން ލަތީފް، މުހައްމަދު ހުސެއިން ޝަރީފް، މުޙައްމަދު މަލީހު ޖަމާލް، އަހުމަދު ޒުހޫރު، އިރުތިޝާމް އާދަމް އަދި އަހުމަދު މަހުލޫފް ހިމެނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިހާރުގެ ކުޅިވަރު ވަޒީރު އަހުމަދު ރާފިއު ވިދާޅުވީ، ކުރީގެ އެތުލީޓުންނާއި ކުޅިވަރަށް އެކި ގޮތްގޮތުން ޚިދުމަތް ކޮށްދެއްވި ފަރާތްތަކުގެ މަސައްކަތްތަކާއި، ރާއްޖެއަށް ކުޅިވަރުގެ ދާއިރާއިން ލިބިފައިވާ ކާމިޔާބީތައް އަރުޝީފުކޮށް، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
މި ރަސްމިއްޔާތަކީ ކުޅިވަރުގެ ދާއިރާއަށް ޚިދުމަތް ކުރައްވާފައިވާ އިސް ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ފަށާފައިވާ ސިލްސިލާ މަސައްކަތުގެ ފެށުން ކަމަށް ވަޒީރު ރާފިއު ފާހަގަކުރެއްވި އެވެ.



