ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ އެވޯޑް، ފީލްޑް އިވެންޓްގެ ދެ އެތުލީޓުންކަމަށްވާ ހަސަން ޝަމްއޫނާއި އާއިޝަތު ޝައިމް އަޒީޒު ހޯދައިފިއެވެ. މިއީ މުބާރާތުގެ 34 އަހަރުގެ ތާރީޚުގައި ދުވުންތެރިޔަކު ނޫން ދެ ފީލްޑް އެތުލީޓުން އެންމެ މޮޅު އެތުލީޓުންގެ މަޤާމު ހޯދި ފުރަތަމަ ފަހަރެވެ.
ދިވެހި ސިފައިންގެ ކްލަބުގެ ޝަމްއޫނަކީ ތުރޯއިންގ އިވެންޓްތަކުގައި ރާއްޖޭގެ އެންމެ ކާމިޔާބު އެއް އެތުލީޓެވެ. މިއީ ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓްގެ މަޤާމު އޭނާ ހޯދި ދެވަނަ ފަހަރެވެ. އޭނާ މި މަޤާމު ކުރިން ހޯދާފައިވަނީ 2016 ވަނަ އަހަރުއެވެ. ޝަމްއޫން ވަނީ މިއަހަރުގެ އެސޯސިއޭޝަން ކަޕުގައިވެސް އެންމެ މޮޅު އެތުލީޓްގެ މަޤާމު ހޯދައިފައެވެ. ތުރޯއިންގ އިވެންޓްތަކުން މިފަހަރުވެސް ޑިސްކަސް އާއި ޝޮޓްޕުޓުން ރަން މެޑަލް ހޯދުމަށް އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.
ކަސްޓަމްސް ރެކްރިއޭޝަން ކްލަބް ތަމްސީލުކުރި ޝައިމް އެންމެ މޮޅު އަންހެން އެތުލީޓްގެ އެވޯޑް ހޯދީ ތިން އިވެންޓަކުން ރަން މެޑަލް ހޯދުމުގެ އިތުރުން ގައުމީ ރެކޯޑެއްވެސް އާކޮށްގެންނެވެ. ޖެވެލިން ތުރޯ އާއި ހައި ޖަމްޕްގެ އިތުރުން ލޯންގް ޖަމްޕުން ރަން މެޑަލް ހޯދި ޝައިމް، ލޯންގް ޖަމްޕްގެ ކުރީގެ 5.20 މީޓަރުގެ ރެކޯޑު 5.24 މީޓަރަށް އާކޮށްފައިވެއެވެ.



