ރާއްޖޭ ތަމްސީލްކުރާ 18 ފެތުންތެރިންނާއެކު ދުނިޔޭގެ އެކުއެޓިކްސް ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕް 2025 ރޫމޭނިއާގެ އޮޓޮޕެނީގައި ފަށައިފިއެވެ. މި މުބާރާތަކީ މި މަހުގެ 19 އިން 24 އަށް އޮޓޮޕެނީގެ އެކުއެޓިކްސް ކޮމްޕްލެކްސްގައި ކުރިއަށްދާ މުބާރާތެކެވެ.
މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިންގެ ތެރޭގައި ރާއްޖޭގެ އެންމެ އުންމީދީ ފެތުންތެރިން ހިމެނެއެވެ. ފިރިހެން ފެތުންތެރިންގެ ތެރެއިން 14 އަހަރާއި 18 އަހަރާ ދެމެދުގެ އުމުރުފުރައިން 50 މީޓަރު ފްރީސްޓައިލް އިވެންޓްގައި ނާޒިމް އިޒްޔާން ވާދަކުރާއިރު، 100 މީޓަރު ފްރީސްޓައިލްގައި ދާނިޔާލް އަމީން ފައިޞަލް ވާދަކުރެއެވެ.
200 މީޓަރު ފްރީސްޓައިލް އިވެންޓުގައި އިބްރާހިމް މަޢާޛު ސާޖިދާއި ޝައިމް ޙުސައިން އިބްރާހިމް ވާދަކުރާއިރު، 400 މީޓަރު ފްރީސްޓައިލްގައި ޔާސީން މުޙައްމަދު ޔޫސުފާއި އައިމަން މޫސާ ރަޝީދު ވާދަކުރެއެވެ. ބެކްސްޓްރޯކް އިވެންޓުގައި އިބްރާހިމް މަޢާޛު ސާޖިދާއި ޒުކައިން އަބުދުﷲ ޙަނީފު ވާދަކުރާއިރު، ބްރެސްޓްސްޓްރޯކްގައި އިޒްޔާން ނާޒިމް، ލޫޠު މުޙައްމަދު ޙުސައިން އަދި އިފްޒާލް އިބްރާހިމް މަޙްފޫޒު ވާދަކުރެއެވެ.
އަންހެން ފެތުންތެރިންގެ ތެރެއިން ފްރީސްޓައިލް އިވެންޓުގައި ދާލިޔާ ޢާއިދާ ލަޠީފް، އާމިނަތު ތަޒްކިޔާ މިރުޝާދު، އައިޝަތު ޢަލީނާ ޝާހިދު، އަޔާނާ ޢަރީފް އަދި ލައިބާ ޙަސަން މަނިކު ވާދަކުރެއެވެ. ބެކްސްޓްރޯކް އިވެންޓުގައި އަޔާނާ ޢަރީފް، އާމިނަތު ތަޒްކިޔާ މިރުޝާދު، މަލާއިކާ ލިންޑާ ޢިމްރާން އަދި ސާރާ މުޙައްމަދު ވާދަކުރާއިރު، ބްރެސްޓް ސްޓްރޯކްގައި ސާރާ މުޙައްމަދާއި ދާލިޔާ ޢާއިދާ ލަޠީފު ވާދަކުރެއެވެ.
މީގެ އިތުރުން، ބަޓަފްލައި އިވެންޓުގައި މިރާލް ޢައިން ލަޠީފާއި އައިޝަތު ޢަލީނާ ޝާހިދު ވާދަކުރާއިރު، މެޑްލޭ އިވެންޓުގައި މިރާލް ޢައިން ލަޠީފް، ޢާއިޝަތު ޢަލީނާ ޝާހިދު އަދި ލައިބާ ޙަސަން ވާދަކުރެއެވެ.



