ކުރިއަށް އޮތް ކުލަބު މޯލްޑިވްސް ކަޕް 2025 ގައި ވާދަކުރާ ކުލަބު އެޗްޑީސީއަށް ދުނިޔޭގެ ފުޓްސަލްގެ އެންމެ ވަރުގަދަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕޯޗުގަލްގެ ލެޖެންޑް ރިކާޑީނިއޯ ސޮއިކޮށްފިއެވެ. މިއީ 2005 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކުލަބު މޯލްޑިވްސްގެ ތާރީޚުގައި ކުލަބަކުން މިހާތަނަށް ގެނައި އެންމެ ހައި ޕްރޮފައިލް ކުޅުންތެރިޔާއެވެ.
އުމުރުން 39 އަހަރުގެ ރިކާޑީނިއޯއަކީ 2021 ވަނަ އަހަރު ފީފާ ފުޓްސަލް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ޕޯޗުގަލްއަށް ހޯދައިދިން ކެޕްޓަނެވެ. އޭނާގެ އިންޑިވިޖުއަލް ކާމިޔާބީތަކުގެ ތެރޭގައި ޔޫރަޕުގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު އަދި ދުނިޔޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު އެއް ފަހަރު ހޯދުން ހިމެނެއެވެ.
ރިކާޑީނިއޯގެ އުސް ފެންވަރުގެ ކުޅުމާއި ކާމިޔާބީތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޕޯޗުގަލް ސަރުކާރުން ވަނީ އޭނާއަށް ދެ އެވޯޑެއް ދީފައެވެ. މިފަދަ މަތީ ފެންވަރުގެ ކުޅުންތެރިއަކު ރާއްޖޭގެ ފުޓްސަލް މުބާރާތެއްގައި ބައިވެރިވުމަކީ ރާއްޖޭގެ ފުޓްސަލްއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ކުޅިވަރުގެ ދާއިރާގެ ފަރާތްތަކުން ފާހަގަކުރެއެވެ.
އެޗްޑީސީން ކުލަބު މޯލްޑިވްސް ކަޕުގައި ވާދަކުރާނީ ބޮޑު މުބާރާތުގައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ. އެޗްޑީސީގެ ސްކޮޑުގައި ރާއްޖޭގެ ފުޓްސަލްގައި މިހާރު ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިން ހިމެނޭއިރު، މި ކުލަބުން ވަނީ ކުލަބު މޯލްޑިވްސް ކަޕުގައި މިހާތަނަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.