ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ބޭއްވުނު 57 ވަނަ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގައި ވާދަކޮށް ބްރޯންޒް މެޑެލް ހާސިލުކުރި ދިވެހި ގައުމީ ބޯޑީބިލްޑިން ޓީމު ރާއްޖެ އަތުވެއްޖެއެވެ.
ގައުމީ ޓީމަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލާއި ކުޅިވަރާ ބެހޭ ވުޒާރާގެ އިސްވެރިންނެވެ. މި މުބާރާތުން ރާއްޖެއަށް ބްރޯންޒް މެޑެލް ހޯދައިދިނީ ގައުމީ ޓީމާ ދާދިފަހުން ގުޅުނު މަނާފް ވަހީދެވެ.
އޮގަސްޓް 18 އިން 25 އަށް ބެންކޮކުގައި ބޭއްވުނު މި މުބާރާތުގައި މަނާފް ބްރޯންޒް މެޑެލް ހާސިލުކުރީ ފިރިހެނުންގެ އެތުލެޓިކް ފިޒީކް 160 ސެންޓިމީޓަރު ބައިންނެވެ. މި ކެޓަގަރީގައި މަނާފް ވާދަކުރީ 18 އެތުލީޓުންނާ އެކުގައެވެ.
ތައިލެންޑުގެ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް އެސޯސިއޭޝަނުން އިންތިޒާމުކުރި މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރީ ހަތަރު އެތުލީޓުންނެވެ. އެއީ މަނާފް ވަހީދުގެ އިތުރުން އަލީ މަބްރޫކް ލަތީފް، އިސްމާޢީލް ޝުޢާއު ޢަބްދުﷲ އަދި އަޙްމަދު ނަޢީމްއެވެ.
މި ކާމިޔާބީއާއެކު ދިވެހި ބޮޑީބިލްޑިން ކުޅިވަރަށް އިތުރު ކުރިއެރުމެއް ލިބި، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ނަން އިތުރަށް މަތިވެރިވެގެން ގޮސްފައިވެއެވެ.