ސާބާ އަންހެނުންގެ ބާސްކެޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ސްރީ ލަންކާ އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން އަތުން ފަސޭހަ މޮޅެއް ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މުބާރާތުގެ ދެވަނަ މެޗު ލަންކާ އިން ކާމިޔާބުކުރީ 98-33 ޕޮއިންޓުންނެވެ.
ބޮޑު ލީޑަކާއެކު ލަންކާއިން މެޗް ނިންމާލިއިރު އެ ޓީމުގެ ހަތަރު ކުޅުންތެރިންވަނީ ވަރަށް ގިނައިން ސްކޯކޮށްފައެވެ.
އެގޮތުން ނިރްމާ ސަސަންތީ ވަނީ 27 ޕޮއިންޓް ޓީމަށް ހޯދާދީފައެވެ.
ދެން ލަންކާ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި ތިން ކުޅުންތެރިންނަކީ 17 ޕޮއިންޓް ހޯދި ކެޕްޓަން އެޕްސިބާ ވޮޝިންޓަން، 14 ޕޮއިންޓް އެއްކުރި ބެނިކާ މަދުބަސީނީ އަދި 10 ޕޮއިންޓް ހޯދި ރަޝްމީ ތާނިޔާ ވިކްރަމަގޭ އެވެ.
މިމުބާރާތުގައި ރާއްޖެ، ސްރީލަންކާ، ބޫޓާން އަދި ނޭޕާލް ވާދަކުރެއެވެ.
މުބާރާތުގައި މިރޭ ކުޅޭނީ ލަންކާ އަދި ނޭޕާލެވެ. ރާއްޖެ ދެން ނިކުންނާނީ ބޫޓާނާ ދެކޮޅަށް ބުދަ ދުވަހުގެ ރެއެވެ.



